ހަނޑޫ އާންމު ގޮތެއްގައި ބޭނުން ކުރެވެނީ ބަތް ކާށެވެ. އެހެން ނަމަވެސް ޒަމާނުއް ސުރެ ދިވެހިންގެ ތެރޭގައި ތަފާތު ގިނަ ވައްތަރުގެ ކާނާ ތައްޔާރު ކުރުމަށް ހަނޑޫ ބޭނުންކުރެވެ އެވެ. އޭގެ ތެރޭގައި ފޮނި އަދި ކުޅި ހެދިކާ، ކަނދި، ބަތްޕެން އަދި ބޮނޑިބަތް ހިމެނެ އެވެ. މިފަހަރު މިއޮތި ހަނޑޫ ބޭނުން ކޮށްގެން ގދ. ހޯޑެއްދޫ، ބަހިއްޔާ އަބްދުލް މަޖީދު (ބަހިއްޔާ) ތައްޔާރު ކުރި މުޅިން އާ ފޮނި ބުއިމެކެވެ.
"ހޯނޑެއްދޫން ނާރެހިމާޓެ ފޮނިކަން ބަގެނާޑާ [ނާރެހިމަލުން ހޯޑެއްދޫއަށް ފޮނިކަން ގެނެސްދީފި]،" މިފޮނި ބުއިން ތައްޔާރު ކުރި ހުނަރުވެރިޔާ ބަހިއްޔާ ބުނެލި އެވެ.
"ނާރެހިމާ" ތައްޔާރުކުރީ މިދިޔަ އަހަރު އެރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމް ކޮށްގެން ބޭއްވި، ކާބޯތަކެތީގެ މައުރަޒަށެވެ. ބަހިއްޔާ ވަނީ މިއާ އުފެއްދުން ބައިވެރިކޮށް މައުރަޒުން އެއްވަނަ ހޯދާފަ އެވެ.
އަލަށް އުފެއްދި ބުއިމަށް އޭނަ ނަަން ދިނީ ހޯޑެއްދޫގައި ކުޑަ އީދުގައި ކުޅޭ ކުޅިވަރެއް ކަމުގައިވާ "އެސަންޑަ މިސަަންޑަ ގަހަކު މިސަނޑަ" އާ ގުޅުވައިގެންނެވެ. މިބުއިން ވެގެން ދިޔައީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ، ވަރަށް މީރު ފޮނި ބުއިމަކަށެވެ. ތިރީގައި މި ހިމަނާލަނީ ނާރެހިމާ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
1 ޖޯޑު ހަނޑޫ
1 ސައި ސަމުސާ މާފެން
1 ދަޅު ގެރިކިރު
ރާނބާފަތް
ފޮނިތޮށި ކާފޫރު ތޮޅި( ހިމުންކޮށްފައި)
ހަނޑޫ ފެނަށް ލާފައި ވަރަށް ހިމުންކޮށް މިކްސަރުން މުގުރާލާށެވެ. ދެން އެ ހަނޑޫކޮޅު ފުރާނާލާ ފައި އޭގެ ހިމުންބައި ނަގައި އިޑިއައްޕަން ދައްޗަކަށް އެހިމުން ފުށް އަޅާ ފިއްތާލާށެވެ. ދަތިން ނުކުންނަމުންދާ ހަނޑޫ ފައިތައް ބައި އިންޗި ހުންނަ ވަރަށް ބުރިކުރުމަށް ފަހު ފެން ގަނޑަކަށް އަޅާ ރާނބާފަތް ލައިގެން 10 މިނެޓުވަންދެން ކައްކާލާށެވެ. ކެކެން ފެށުމުން ގެރިކިރު އަޅާށެވެ. އަދި މުގުރައިފައިވާ ފޮނިތޮށި ކާފޫރުތޮޅި އޭގެ މައްޗަށް ބުރުވާލާށެވެ. ދެން ބޭނުންވާ ކުލައެއް ޖައްސާލުމަށް ފަހު އެސެންސްކޮޅު އަޅާލާފައި އުނދުންމަތިން ބާލާށެވެ. އަދި ފިނިކޮށްލަން ފިރިޖް ކޮށްލާށެވެ. ނާރެހިމާ މީރުވާނީ ފިނި ކޮށްލީމަ އެވެ.
ރެސިޕީ: ބަހިއްޔާ އަބްދުލް މަޖީދު، ގދ. ހޯޑެއްދޫ

ޝައްވާލު މަހުގެ ހަ ރޯދަ ދޫކޮށްލައިގެން ނުވާނެ!
އަލިފާނުގެ ހާދިސާއާ ގުޅިގެން 4 ގެއަކުން 32 މީހަކަށް ވަގުތީ ހިޔާ