މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގު އިންތިހާއަށް ބޮޑުކޮށްފައިވާތީ، ފުޓްބޯލް ސަޕޯޓާސް ޔޫރަޕް (އެފްއެސްއީ) އާއި ޔޫރޯ ކޮންސިއުމާސް ގުޅިގެން ފީފާއާ ދެކޮޅަށް ރަސްމީކޮށް މައްސަލަ ހުށަހަޅައިފި އެވެ.
މި ޖަމިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި ފީފާއިން ވަނީ ޓިކެޓްގެ އަގު ކަނޑައެޅުމުގައި އެ އިދާރާގެ މޮނޮޕޮލީ ބާރުގެ ނާޖާއިޒު ފައިދާ ނަގައިފަ އެވެ.
އެފްއެސްއީ އިން ފާހަގަކުރި ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ޓިކެޓްތަކުގެ އަގު ވެސް، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގެ އެންމެ އަގުހެޔޮ ޓިކެޓަށް ވުރެ ހަތް ގުނަ ބޮޑެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ދަށް ފަންތީގައި އަށް މެޗު ބަލާލުމަށް ވެސް ސަޕޯޓަރަކު ގާތްގަނޑަކަށް 5,225 ޕައުންޑް ހޭދަކުރަން ޖެހެ އެވެ. މިއީ މީގެ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ޓިކެޓްގެ އަގުތަކާ ގުޅޭގޮތުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، ފީފާއިން ވަނީ ކޮންމެ މެޗަކަށް 45 ޕައުންޑްގެ ލިމިޓެޑް ޓިކެޓްތަކެއް ޑިސެމްބަރު މަހު ނެރެފަ އެވެ. ނަމަވެސް ސަޕޯޓަރުންގެ ގްރޫޕްތަކުން ބުނަނީ މިއީ "ބައިޓް އެޑްވަަޓައިޒިން" ނުވަތަ މީހުން ހެއްލުމަށް ކުރި ކަމެއް ކަމަށާއި، އާންމުކޮށް ޓިކެޓް ވިއްކަން ފެށުމުގެ ކުރިން އެ ޓިކެޓްތައް ހުސްވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ފީފާގެ ތަރުޖަމާނަކު ވިދާޅުވީ ފީފާއަކީ ފައިދާއަށް މަސައްކަތްކުރާ އިދާރާއެއް ނޫން ކަމަށާއި ވޯލްޑް ކަޕުން ލިބޭ އާމްދަނީ އިންވެސްޓް ކުރަނީ ދުނިޔޭގެ 211 މެންބަރު އެސޯސިއޭޝަނެއްގައި ފުޓްބޯޅަ ކުރިއެރުވުމަށް ކަމަށެވެ. ނަމަވެސް ފުޓްބޯލް ސަޕޯޓާސް އެސޯސިއޭޝަނުން ވަނީ މި އަގުތަކަކީ ސަޕޯޓަރުންނަށް ކުރި "މަލާމާތެއް" ކަމަށް ސިފަކޮށްފަ އެވެ.
ސަޕޯޓަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެފްއެސްއީ އިން ވަނީ "ޑައިނަމިކް ޕްރައިސިން" ނުވަތަ ޑިމާންޑަށް ބަލައި އަގު ބަދަލުކުރުން ހުއްޓާލުމަށާއި އޭޕްރީލް މަހު ޓިކެޓް ދޫކުރާއިރު އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ގޮވާލާފަ އެވެ. އަދި ޓިކެޓް ގަންނަ ފަރާތްތަކަށް ސާފު މައުލޫމާތު ދިނުމަށާއި ޓިކެޓް ލިބެން ހުރި ކެޓަގަރީތައް މަދުވެގެން 48 ގަޑިއިރު ކުރިން އަންގައި ދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ބައެއް ކުދި ގައުމުތަކުގެ ސަޕޯޓަރުން ބުނާ ގޮތުގައި ގްރޫޕް ސްޓޭޖުގެ ޓިކެޓެއްގެ އަގު އެ މީހުންގެ މުޅި މަހުގެ މުސާރައަށް ވުރެ ބޮޑެވެ. ގާނާގެ ސަޕޯޓަރަކު ބީބީސީއަށް ބުނި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ފައިސާ ރައްކާކުރި ނަމަވެސް، މިހާރު ޖެހެނީ ވޯލްޑް ކަޕަށް ދިއުމުގެ ހުވަފެން ދޫކޮށްލާށެވެ.
މި އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގަ އެވެ. މިފަހަރުގެ މުބާރާތުގައި ޖުމުލަ 48 ޓީމު ވާދަކުރާނެ އެވެ.
ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިއުމަށް ހުރަސްތަކެއް
އެމެރިކާގެ ސުލްހައިގެ ހުށަހެޅުން އީރާނުން ބަލައި ނުގަތް