އައްޑޫ ސިޓީއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށުގެ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭތީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ގުޅިގެން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް ލަފާދީފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހިތަދޫ ރީޖަނަލް ޕޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 15 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގަތް މައްސަލަ ތަހުގީގުކޮށް، ޑިއުޓީ ޕްރޮސެކިއުޝަނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ ބައި ތަހުގީގު ކުރުމަށް ވަނީ ލަފާދީފަ އެވެ.

މި މައްސަލައިގައި އަތުލައިގަތް ސިނގިރޭޓު ކޮންޓެއިނަރަކީ "ނެސޯ ހޯމް" ނަމަކަށް ކިޔާ ކުންފުންޏަކުން، އާންމު ވިޔަފާރި މުދަލުގެ ނަމުގައި އެތެރެކުރި ކޮންޓެއިނަރެކެވެ. ނަމަވެސް، ކަސްޓަމްސް އިން އެ ކޮންޓެއިނަރު ފާސްކުރިއިރު، ޑިކްލެއާ ނުކޮށް ހުރި ގިނަ އަދަދެއްގެ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު ވަނީ ފެނިފަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ކޮންޓެއިނަރުން 368 ފޮށިގަނޑު ނުވަތަ 1،840،000 ސިނގިރޭޓު ސްޓިކް ފެނިފައިވެ އެވެ. މިއީ ބޮޑު އަދަދެއްގެ ފައިސާ ހިމެނޭ މުދަލަކަށް ވާތީ، މީގެ ފަހަތުގައި މާލީ ކުށްތަކެއް ހިމެނޭ ކަމަށް ބެލެވެ އެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގު ކުރިއަށްދާއިރު، ނެސޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަސަން ދީދީގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި މައްސަލައިގެ ފުންމިނަށް ބަލައި، ޖިނާއީ ދައުވާ އުފުލުމަށް ބޭނުންވާ އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.