ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ވޯލްޑް ކަޕްގެ އާ ކެޓަގަރީތަކެއް ތައާރަފުކޮށް، މުބާރާތުގެ 104 މެޗުގެ އިތުރު ޓިކެޓްތައް ވިއްކަން ފަށާނެ ކަން އިއުލާނުކޮށްފި އެވެ. މި ނިންމުމާއެކު ބައެއް ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
ފީފާއިން ބުނިގޮތުގައި، ބުދަ ދުވަހުގެ ހެނދުނު 11:00 (އީޑީޓީ) އިން ފެށިގެން ކެޓަގަރީ 1، 2 އަދި 3 ގެ އިތުރުން އަލަށް ތައާރަފުކުރި "ފްރަންޓް ކެޓަގަރީ" ގެ ޓިކެޓްތައް ލިބެން ހުންނާނެ އެވެ. މި އާ ކެޓަގަރީއާއެކު ޓިކެޓްގެ އަގުތައް ވަނީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ފީފާއިން ޓިކެޓް ވިއްކަން ފެށިއިރު، ފުރަތަމަ ބުރުގެ ކެޓަގަރީ 3 ގެ ޓިކެޓެއްގެ އަގު ހުރީ 140 ޑޮލަރަށެވެ. އަދި ފައިނަލް މެޗުގެ ޓިކެޓެއްގެ އަގު 8,680 ޑޮލަރަށް ހުރިއިރު، އޭޕްރީލް 1 ގައި އަލުން ޓިކެޓް ވިއްކަން ފެށުމާއެކު އެންމެ އަގުބޮޑު ޓިކެޓްގެ އަގު ވަނީ 10,990 ޑޮލަރަށް އުފުލިފަ އެވެ.
އަލަށް އިތުރުކުރި ކެޓަގަރީތަކާ ގުޅިގެން ގިނަ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުންނެވެ.
ސަޕޯޓަރުން ބުނާ ގޮތުގައި، ކުރިން ޓިކެޓް ގަތް މީހުންނަށް ދަނޑުގެ ރަނގަޅު ސަރަހައްދުތަކުން ޖާގަ ނުދީ، އެންމެ ރަނގަޅު ސީޓްތައް ފީފާއިން ހިފެހެއްޓީ މި އާ ކެޓަގަރީތަކުގެ ދަށުން އަގު ބޮޑުކޮށް ވިއްކުމަށެވެ.
މީގެ އިތުރުން، އެމެރިކާގައި ބާއްވާ ބައެއް މެޗުތަކުގެ ޓިކެޓް ވިކޭ މިންވަރު މަދުކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން ޖޫން 12 ގައި ކެލިފޯނިއާގައި އެމެރިކާއާއި ޕެރަގުއޭ ބައްދަލުކުރާ މެޗަށް މިހާތަނަށް ވިކިފައިވަނީ 40,934 ޓިކެޓެވެ. މިއީ އެ ދަނޑުގެ ޖުމްލަ ކެޕޭސިޓީ ކަމަށްވާ 69,650 އާ އަޅާބަލާއިރު މަދު އަދަދެކެވެ.
ފީފާއިން އާ ކެޓަގަރީތަކާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ޓިކެޓްގެ އަގުތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ދަރިންގެ އަތުން ފޯނާއި ޓެބްލެޓް އަތުލުމުގެ ކުރިން ސަމާލުވޭ!
ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއް އީރާނުން ހިފަހައްޓައިފި
ސޯފީއާ ވަކިވިތާ ދެ އަހަރު ފަހުން ޖޯ އާ ލޯބިވެރިއެއް ހޯދައިފި