ބޯޓެއްގެ ފަޅުވެރިއަކު ޕޮޒިޓިވްވުމުން ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ނޮޅިވަރަމަށް އަރާފޭބުން މަނާކޮށްފި އެވެ.

ނެޝަނަލް ހެލްތު އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނީ ފަޅުވެރިޔާގެ ގައިން ކޮވިޑްގެ އަލާމާތްތަކެއް ހުރުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑަށް ނެގި ސާމްޕަލުން އޭނާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ މީހާ ޕޮޒިޓިވްވި ބޯޓް ދަތުރުކުރިގޮތަށް ބަލައި ހދ.ނޮޅިރަމް ވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައި ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެ ސެންޓަރުން ބުނީ އެ ދެ ރަށް މޮނިޓަރިންއަށް ލާފައި ވަނީ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވި ލިއުމުގައިވާ ގޮތުން އެ ރަށަށް އަރާ ފޭބުން މަނާކުރީ މިރޭ 8:45 އިން ފެށިގެންނެވެ. އެ ލިއުމުގައި އަންގާފައި އޮތީ އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެ ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 29ވަނަ ދުވަހު ވެސް ވަނީ ކުޅުއްދުފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައި ކުޑަ ކުއްޖަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ކޭހާ ގުޅިގެން ވެސް އެ ރަށަށް އަރައި ފޭބުން އެޗްޕީއޭއިން މަނާކޮށްފައިވެ އެވެ.

ރާއްްޖޭގައި މިދިޔަ އޭޕްރީލް މަހު 15 ވަނަ ދުވަހުން ކޮވިޑް-19ގެ ކޭހެއް ފެނުނު ފަހުން، މާލެއާ ގުޅުމެއް ނެތް ކޭހެއް އެއްވެސް ރަށަކުން އަދި ނުފެނެ އެވެ. ރާއްޖޭގައި އެބަލި ޖެހުނު މީހުންގެ އަދަދު 10،000 ވުރެ މަތިވިއިރު، މާލެ ފިޔަވާ އެ ބަލީގެ މީހުން ފެނިފައި ވަނީ ކުޅުދުއްފުށްޓާ އެކު 25 ރަށުންނެވެ. އޭގެ އިތުރުން 15 ރިސޯޓަކުން ވެސް ކޭސްތައް ފެނިފައިވެ އެވެ.