މާލޭގެ މަގެއްގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮތް ދިވެހި ފިރިހެނަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:17 ހާއިރު އެވެ.

އެ މީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ މަރުވާން މެދުވެރިވި ސަބަބެއް އަދި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.