ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރަސްމާލޭ ބިލުގެ އަމާޒަކީ ދިވެހިރާއްޖެ ސެކިއުލާ ކުރުން ކަމަށް ތުހުމަތު ކުރައްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ރަސްމާލެއަކީ ދިވެހިން ވަޒަންވެރިވެ ދިރިއުޅޭނެ ރަށެއް ކަމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ގާނޫނީ ގޮތުން ކަނޑައެޅިފައިވާ ކަމަށެވެ. އެއީ ދިވެހިންގެ ދީނާއި ގައުމިއްޔަތު ސަލާމަތް ކުރުމަށްޓަކައި ހިފަހައްޓާފައިވާ ހުދޫދުތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ދަށުން ރަސްމާލޭގައި ވަކި ހޮޓަލެއް ގާއިމުކޮށް، އެ ތަނުގައި ބަނގުރަލާއި އޫރުމަސް ވިއްކުން ހުއްދަކުރުމަކީ މީހުން ދިރިއުޅޭ ރަށްރަށުގައި އެ ތަކެތި ވިއްކުމަށް ދޮރު ހުޅުވާލުން ކަމަށް ޖަމީލް ވިދާޅުވި އެވެ. އެ ބިލު ފާސްވާ ދުވަހަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ލައިސަންސް ލިބިގެންދާނެ ދުވަސް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ސިފަތަކާއި ރުކުންތައް ވަޅުލެވިގެންދާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިސްލާމްދީނުގެ ވަޙުދަތު ނިމި، ދިވެހި މުޖުތަމަޢު ބަނގުރަލުގެ މަސްތުގައިޖެހި ފަސާދަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.