މައްކާ (05 މެއި) - މައްކާގެ މަސްޖިދުލް ޙަރާމްގައި ހުންނަ މަގާމު އިބްރާހީމްގެ ކުރިން ފެނިފައިނުވާ ފޮޓޯތަކެއް ސައޫދީ އަރަބިޔާގެ އިދާރާތަކުން އާއްމުކޮށްފި އެވެ.

ދެ ހަރަމް ބަލަހައްޓަމުންދާ ވުޒާރާއިން ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މަގާމު އިބްރާހީމްގެ ވަރަށް ސާފު ފޮޓޯތަކެއް ނަގާފަ އެވެ.

މީގެ އެއްދުވަސް ކުރިން އެ ވުޒާރާއިން ވަނީ ކައުބާގައި ހުންނަ ޙަޖަރުލް އަސްވަދުގެ އެ ކަހަލަ ސާފު ފޮޓޯތަކެއް އާއްމު ކޮށްފަ އެވެ.

މަގާމު އިބްރާހީމްއަކީ އިބްރާހީމްގެފާނު ކައުބާ ބިނާކުރެއްވި އިރު ކައުބާގެ ފާރުތައް ރޭނުއްވުމަށްޓަކައި އަރާ ހުންނެވި ހިލަކޮޅު ކަމަށް އިސްލާމީ ތާރީހު ދިރާސާކުރާ ޢިލްމުވެރިން ބުނެ އެވެ.

މަގާމު އިބްރާހީމް އަކީ މުސްލިމުންގެ ތެރޭގައި ޚާއްސަ ގަދަރެއް ދެވިފައިވާ ތަނަކަށް ވީއިރު ކޮންމެ އަހަރަކު ވެސް، އެތައް ލައްކަ ބަޔަކު އެ މަގާމުގެ އަރިހުގައި ސުންނަތުގެ ދެ ރަކުއަތް ނަމާދެއް ކުރެ އެވެ. -- އަލް އަރަބިއްޔާ