އެމެރިކާގެ ވައިގެ ސިފައިން (ޔޫއެސް އެއާ ފޯސް) ގެ އެންމެ މުހިންމު އަދި މައި ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމް ކަމަށްވާ "ކްލައުޑް ވަން" އަށް ހެކަރުން ވަދެގަނެ، ސައިބާ ހަމަލާއެއް ދީފި އެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ އަސްކަރިއްޔާގެ ނާޒުކު އަދި ސިއްރު ޓެކްޓިކަލް މައުލޫމާތުތަކާއި، މުވައްޒަފުންގެ ޒާތީ ޑޭޓާ އަދި ލޮޖިސްޓިކްސް މައުލޫމާތުތައް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް މި މައްސަލައާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފި އެވެ.
މި ހަމަލާ ދިންކަން ފަޅާއަރާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން އެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ނަމަވެސް، މި ހަމަލާ ދިނީ ކޮން ބައެއް ކަމެއް، އަދި އެއްވެސް ޑޭޓާއެއް ވަގަށް ނަގާފައިވޭތޯ އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ. މި ހާދިސާއާ ގުޅިގެން އެއާ ފޯސް އިން ބުނެފައިވަނީ، ވަކިވަކި ނެޓްވޯކްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ބަޔާން ނުދޭ ކަމަށާއި، ނަމަވެސް މައުލޫމާތާއި ސިސްޓަމްތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުންދާ ކަމަށެވެ.
2017 ވަނަ އަހަރު ތައާރަފުކުރި "ކްލައުޑް ވަން" އަކީ އެމެރިކާގެ ވައިގެ ސިފައިންގެ އައިޓީ ބޭނުންތަކަށް ހާއްސަކޮށް، ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް ކަމަށްވާ މައިކްރޯސޮފްޓް، އެމެޒޯން، އޮރެކަލް އަދި ގޫގުލް ގުޅިގެން އުފައްދާފައިވާ ބިޔަ ޕްލެޓްފޯމެކެވެ. މިއީ އެމެރިކާ އަސްކަރިއްޔާގެ އެންމެ ބޮޑު އެއް ކްލައުޑް ސިސްޓަމެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް، އުތުރު އެމެރިކާގެ ވައިގެ ދިފާއީ ރާޑަރުތަކުގެ މައުލޫމާތު އެއްކުރާ "ކޮމާންޑް އެންޑް ކޮންޓްރޯލް" ސިސްޓަމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 200 އަށް ވުރެ ގިނަ އަސްކަރީ މަރުކަޒުތަކުގައި ހުރި ބޮމާއި މިސައިލްތައް ބަލަހައްޓާ "ތިއޭޓާ އިންޓަގްރޭޓެޑް ކޮމްބެޓް މިއުނިޝަންސް ސިސްޓަމް" ފަދަ ނާޒުކު އެތައް ހިދުމަތެއް ހިންގަމުން ގެންދެ އެވެ.
މި ހަމަލާއާ ގުޅިގެން ޕްލެޓްފޯމްގެ މަސައްކަތްތަކަށް ބޮޑެތި ބުރޫތަކެއް އަރާފައިވެ އެވެ. އެގޮތުން އަސްކަރިއްޔާގެ އިދާރީ އެޕްލިކޭޝަންތައް ކްލައުޑް ވަން އަށް ބަދަލުކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ސޮފްޓްވެއާތައް އަޕްޑޭޓްކުރުން ވެސް ވަނީ މެދުކަނޑާލާފަ އެވެ. އަދި ބައެއް މުވައްޒަފުންގެ އެޑްމިނިސްޓްރޭޓިވް އެކްސެސްތައް ވެސް ވަނީ ކަނޑާލާފަ އެވެ.
މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި އެމެރިކާގެ އަސްކަރީ ސައިބާ ފޯސް ކަމަށްވާ "ސައިބާ ކޮމާންޑް" އިން މިހާރު ދަނީ ތަހުގީގު ހިންގަމުންނެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ހެކަރުން ވަދެފައިވަނީ ސޮފްޓްވެއާގެ ބަލިފައި ފާހަގަކޮށް، މުޅި ސިސްޓަމްގެ ކޮންޓްރޯލް ލިބޭ "ކޮންޓްރޯލް ޕްލޭން" އަށެވެ. މީގެ ސަބަބުން އަސްކަރީ މަތިންދާބޯޓުތަކުގެ ހާލަތާއި ހަތިޔާރު އަދި ސްޕެއާޕާޓްސް ބަދަލުކުރާ ގޮތް ބެލުމުގެ ފުރުސަތު ހެކަރުންނަށް ލިބިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.
ފަހަކަށް އައިސް އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ދޭ ސައިބާ ހަމަލާތައް އިތުރުވެފައިވާއިރު، އެމެރިކާ ސަރުކާރުގެ އެފްބީއައި، ޕެންޓަގަން އަދި ޓްރެޜަރީ ޑިޕާޓްމަންޓް ފަދަ މުހިންމު އިދާރާތަކަށް ވެސް ދާދިފަހުން ވަނީ ސައިބާ ހަމަލާތައް އަމާޒުވެފަ އެވެ. ސަލާމަތީ ގޮތުން ކިތަންމެ ވަރުގަދަ ކަމަށް ބުނި ނަމަވެސް، "ކްލައުޑް ވަން" އަށް ދެވުނު މި ހަމަލާއަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
ބެލާ ހަދީދްގެ ސިއްހީ ހާލަތު އާއްމުކޮށް ހާމަކޮށްފި
އަޔުޝްމާން-ޝަރްވަރީގެ "ޔޭ ޕްރޭމް މޯލް ލިޔާ"އަށް ރަނގަޅު ފެށުމެއް!
ރަޝިޔާއިން ޔޫރަޕަށް ދޭ ހަމަލާތައް ހުއްޓާލުމަށް އެދުނިން: ޓްރަމްޕް