މަޝްހޫރު ލިޔުންތެރިޔާ އެލް ކެނެޑީގެ ވާހަކަ ފޮތްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ރޮމޭންޓިކް ޑްރާމާ ސީރީޒް "އޮފް ކެމްޕަސް ގެ ދެވަނަ ސީޒަންގެ އިންތިޒާރުގައި ތިބި ބެލުންތެރިންނަށް މިހާރު ވަނީ އުފާވެރި ހަބަރުތަކެއް ލިބެން ފަށާފަ އެވެ.

ފުރަތަމަ ސީޒަންއަށް ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު، ދެވަނަ ސީޒަންގެ އުފެއްދުމުގެ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފަށާފަ އެވެ.

ފުރަތަމަ ސީޒަންގައި ހެނާ ވެލްސް އާއި ގެރެޓް ގްރެހަމްގެ ލޯބީގެ ވާހަކަ "ދަ ޑީލް" ވަރަށް ފުރިހަމައަށް ގެނެސްދީފައިވާއިރު، ދެވަނަ ސީޒަން ބިނާވެފައި އޮންނާނީ އެ ފޮތް ސީރީޒްގެ ދެވަނަ ބައި ކަމަށްވާ "ދަ މިސްޓޭކް" ގެ މައްޗަށެވެ.

އެގޮތުން މި ސީޒަންގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނީ އައިސް ހޮކީ ކުޅުންތެރިޔާ ޖޯން ލޯގަން އާއި ގްރޭސް އައިވާސްގެ ލޯބީގެ ވާހަކަ އެވެ.

މި ސީޒަންގެ ވާހަކައިގައި ފެނިގެންދާނީ ލޯގަންއަށް ކުރެވޭ ބޮޑު ކުށެއްގެ ސަބަބުން ގްރޭސް އާއި އޭނާއާ ދެމެދު އޮންނަ ގުޅުން ހީނަރުވެ، ދެމީހުން ދުރުވާ ހިސާބުން ކަންތައްތައް ބަދަލުވެގެންދާ ގޮތެވެ.

އަމިއްލަ ކުށް ގަބޫލުކޮށް، ގްރޭސްގެ އިތުބާރާއި ލޯބި އަލުން ހޯދުމަށްޓަކައި ލޯގަން ކުރާ މަސައްކަތްތަކާއި، އެ ދެމީހުންނަށް ދިމާވާ އެކި ގޮންޖެހުންތައް ވަރަށް އަސަރުގަދަ ގޮތަކަށް މި ސީޒަންގައި ދައްކުވައިދޭނެ އެވެ.

ފުރަތަމަ ސީޒަންއިން ފެނިގެންދިޔަ މައިގަނޑު ތަރިން މި ސީޒަންގައި ވެސް ފެނިގެންދާނެ ކަމަށް ބެލެވޭއިރު، މިފަހަރު ލޯގަން އާއި ގްރޭސްގެ ކެރެކްޓާތަކަށް އިތުރު އިސްކަމެއް ދެވިގެންދާނެ އެވެ. އެއާއެކު ކޮލެޖް ދިރިއުޅުމާއި އައިސް ހޮކީ މެޗުތަކުގެ ފޯރިގަދަ މަންޒަރުތައް ވެސް މި ސީޒަންގައި ހިމެނޭނެ އެވެ.

މިހާރު ކުރިއަށްދަނީ ސީޒަން 2 ގެ ޕްރޮޑަކްޝަން މަސައްކަތްތައް ކަމަށް ވާއިރު، މި ސީޒަން ރަސްމީކޮށް ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

ނަމަވެސް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސީޒަން 2 ރިލީޒް ކުރާނެ ކަމަށް ވެސް ބައެއް ހަބަރުތައް ދަނީ ބުނަމުންނެވެ.