ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެނި، ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ހާއްސަ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލި ހިމަބިހި، ދޭތެރެ ދޭތެރެއިން ފެނުނު ނަމަވެސް، މި ފަހަރުގެ ހާލަތު އޮތީ ސަމާލުކަން ދޭންޖެހޭ ދަރަޖައެއްގަ އެވެ. އެޗްޕީއޭ އިން ބުނާ ގޮތުގައި މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހިމަބިހި ފެތުރެމުންދާތީ، އާންމުން ސަމާލުވުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޕަބްލިކް ހެލްތު ޑިރެކްޓަރު ނާޝިޔާ އަބްދުލްޣަފޫރު ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާކަން ކަށަވަރު ނުވާ ފަރާތްތަކަށް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިކަމަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ގައުމީ ވެކްސިން ތާވަލުގައި މި ވެކްސިން ހިމެނިފައި އޮތް ނަމަވެސް، ވެކްސިން ޖެހިކަމުގެ ލިޔެކިޔުން ނެތް ފަރާތްތަކުން އަލުން ދެ ޑޯޒު ފުރިހަމަ ކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމަކީ ބަލީގެ މައިގަނޑު އަލާމާތްތަކެވެ. ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި، ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށް އެ އެޖެންސީން ވަނީ އެދިފަ އެވެ. ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މި ބަލި ޖެހުމުން ނުރައްކާ ބޮޑުވާތީ އެފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
ސަލްމާންގެ "މާތުރުބޫމީ": "ކޮންމެހެން ވެސް ބަލަން ޖެހޭ ފިލްމެއް"
ކްރޮއޭޝިއާގެ ޕްލިޓްވިސޭ ލޭކްސް ތަފާތުވަނީ ކިހިނެއް؟
