ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނީ އޮނިގަނޑުތައް މުގުރާލައި، ގުދުރަތީ ވަސީލަތްތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ދެމުންދާތީ 33 ޖަމިއްޔާއަކުން މިއަދު ނުރުހުން ފާޅުކޮށްފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިކޯކެއާ މޯލްޑިވްސް ހިމެނޭހެން 33 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ދެމިއޮތުން ބިނާވެފައިވާ ފަރުތަކާއި، ކުޅިތަކާއި އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބިރުވެރި ނުރައްކަލެއް ކަމަށެވެ. މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތިމާވެށި ރައްކާތެރިކުރާ އެޖެންސީގެ މިނިވަންކަން ނަގާލުމާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ތިމާވެށްޓަށް ގެއްލުންދެނިވި މަޝްރޫއުތައް ހިންގުމަށް ހުއްދަ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
މީގެ އިތުރުން މިޔަރުގެ މަސްވެރިކަން އަލުން ހުޅުވާލުމަކީ ސިޔާސީ ބޭނުމަށްޓަކައި ހިންގާ ތިމާވެށީގެ ގަތުލުއާންމެއްގެ ގޮތުގައި ޖަމިއްޔާތަކުން ސިފަކޮށްފައިވެ އެވެ.
އައްޑޫ ސިޓީގެ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވާއި ވިލިމާލެ ފަދަ ނާޒުކު ސަރަހައްދުތަކަށް އަމާޒުކޮށް ހިންގާ ބިޔަ މަޝްރޫއުތަކަކީ އެއްވެސް ދެފުށް ފެންނަ ގޮތެއް ނެތި ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށް ޖަމިއްޔާތަކުން ތުހުމަތުކުރެ އެވެ. ބިން ހިއްކުމާއި، މަގު ހެދުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ތިމާވެށްޓަށް އަސަރުކުރާ މިންވަރު ބަލާ ދިރާސާކުރުން ނުވަތަ އީއައިއޭ ހެދުން އިސްތިސްނާކޮށްފައިވާ ގަވާއިދުތައް ބާތިލުކުރުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރާ އިދާރާތަކަށް ފުރިހަމަ މިނިވަންކަން ދިނުމަށާއި، ތިމާވެށީގެ އޮނިގަނޑަށް ގެނެސްފައިވާ ގެއްލުންދެނިވި ބަދަލުތައް ވަގުތުން އުވާލުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ. އަދި އައްޑޫގެ އީދިގަލި ކިޅި އާއި ކޯއްޓޭ ސަރަހައްދުގެ އިންތައް ކުރިން އޮތް ގޮތަށް އިއާދަކުރުމަށާއި، ވިލިމާލޭގެ ގަސްތައް ކެނޑުން ހުއްޓާލުމަށް ވެސް ވަނީ އެދިފަ އެވެ. ކޮރަޕްޝަނުގެ ތެރެއިން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް އަނބުރާ ދައުލަތަށް ނެގުމަށާއި، ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ވެސް ޖަމިއްޔާތަކުގެ މުހިންމު ޑިމާންޑެކެވެ.
"ޕީއެންސީން ވަކިވާން ބައެއް މަޖިލިސް މެންބަރުން ތިބީ ތައްޔާރަށް"
ޑިޑީއާ ދެކޮޅަށް އަނެއްކާ ވެސް އާ ދައުވާއެއް!
ސްބްސްރިޕްޝަން ލިމިޓެއް ނުކުރޭ: ބީއެމްއެލް
