ރިޔާދު (08 ޖުލައި) ސައޫދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ނަންފުޅުގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް ސައޫދީ އަރަބިއާގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

އިސްލާމް އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ގޯތިތެރޭގައި ބިނާކުރާ މި މިސްކިތުގައި އެއްފަހަރާ 4،000 ފިރިހެނުންނާއި 2،000 އަންހެނުންނަށް ނަމާދު ކުރެވޭނެ ކަމަށް ހޮނިހިރު ދުވަހު އާއްމު ކުރި ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން އެ މިސްކިތުގައި ދާރުލްއާސާރެއްގެ އިތުރުން ލައިބްރަރީ އަކާއި ކޮންފަރަންސް ހޯލެއް ގާއިމުކުރެވޭއިރު ޕާކިން އޭރިއާ އެއްވެސް ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަމަ އެހެންމެ މިސްކިތުގެ ގޯތިތެރޭގައި 6000 މީހުންނަށް އެއްވެ އުޅެވޭނެ ގޮތަށް މިސްކިތް ޑިޒައިން ކޮށްފައިވެ އެވެ. އަދި މި ޑިޒައިންއަށް ވަނީ ސަލްމާން ރަސްގެފާނުގެ ރުހުންވެސް ލިބިފަ އެވެ.

ސަލްމާން ރަސްގެފާނުގެ ދީލަތި އެހީފުޅުގެ ދަށުން ރާއްޖޭގައި ވެސް ވަނީ މިފަދަ މިސްކިތެއް ވަނީ ބިނާކޮށްފަ އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި އެ މިސްކިތް ހުޅުވުން ވަނީ ލަސްވެފަ އެވެ.

މަސްޖިދު މަލިކް ސަލްމާންގެ ނަންދީފައިވާ ރީތި ހިތްގައިމު މިސްކިތުގައި ވެސް އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.