މިއަދުގެ ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް ނަފްސާނީ ގޮތުން ނުވަތަ ޖަޒުބާތީ ގޮތުން ގޮންޖެހުން ތަކެއް ކުރިމަތި ވުމުން އެހީއަށް އެދި ހަމައެކަނި ރަހުމަތްތެރިންނާއި، އާއިލާ ނުވަތަ ތެރަޕިސްޓުންގެ ގާތަށް ދިއުމުގެ ބަދަލުގައި މުޅިން އާ ވަސީލަތެއްގެ ބޭނުން ހިފަން ވަނީ ފަށާފަ އެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭ ޗެޓްބޮޓް ތަކެވެ.

ދާދިފަހުން ޝާއިއުކުރި "ޖަމާ ޕީޑިއޭޓްރިކްސް" ޖާނަލްގެ ދިރާސާއަކުން ދައްކާ ގޮތުގައި، ފުރާވަރުގެ ކޮންމެ ފަސް ކުއްޖަކުން ނުވަތަ ޒުވާނަކުން އެއް ކުއްޖަކު (ގާތްގަނޑަކަށް 19 ޕަސެންޓް ކުދިން)، ދެރަވުމުން ނުވަތަ ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި އޭއައި ޗެޓްބޮޓްތަކުގެ އެހީ ހޯދަ އެވެ.

މިއީ އެމެރިކާގައި އެކަނިވެސް 8 މިލިއަނަށްވުރެ ގިނަ ކުދިންނެވެ. މި ހޯދުންތަކާއެކު ސިއްހީ މާހިރުން މިވަނީ މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ.

ކުދިންނަށް ޗެޓްބޮޓްތަކުގެ އިރުޝާދު ކަމުދަނީ ކީއްވެ؟

ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން 91 ޕަސެންޓްއަށްވުރެ ގިނަ ކުދިން ބުނެފައިވަނީ، ޗެޓްބޮޓްތަކުން (މިސާލަކަށް ޗެޓް ޖީޕީޓީ، މެޓާ އަދި ޖެމިނީ އީއައި) ލިބުނު އިރުޝާދު ތަކަކީ އެހީތެރިވެދިން އިރުޝާދުތަކެއް ކަމަށެވެ.

އޭއައި ބޮޓްތަކުން އަބަދުވެސް ކުދިން ބޭނުންވާ ކަހަލަ އޯގާތެރި، ބަސްއަހާ، އަދި ކުދިންނަށް ތައުރީފުކުރާ ފަދަ ރާގަކަށް ވާހަކަ ދެއްކުމަކީ ކުދިންނަށް އެ ވަގުތުން ވަގުތަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ.

ނަމަވެސް، ސިއްހީ މާހިރުން ބުނާގޮތުގައި "އިރުޝާދު ކަމުދިއުމަކީ" އޭގެ ސަބަބުން އެކުދިންގެ ނަފްސާނީ ބައްޔަށް ނުވަތަ މާޔޫސް ކަމަށް ހަގީގީ ހައްލެއް ލިބުމެއް ނޫނެވެ.

މާހިރުން ކަންބޮޑުވާ މައިގަނޑު ސަބަބުތައް

ސީ.އެން.އެން ގެ ވެލްނަސް މާހިރު ޑރ. ލިއާނާ ވެން ފާހަގަ ކުރައްވާ ގޮތުގައި، ނަފްސާނީ ކަންކަމުގައި އޭއައިއަށް ބަރޯސާ ވުމުގައި ބޮޑެތި ނުރައްކާތަކެއް އެކުލެވިގެންވެ އެވެ.

  • ސައްހަ ނޫން މަޢުލޫމާތު: އޭއައި ސިސްޓމްތަކަކީ ބައެއް ފަހަރު ކަންކަން އަމިއްލައަށް އުފައްދައި، ކުށް މައުލޫމާތު ދޭ އެއްޗެހި ތަކެކެވެ. ވާހަކަ ދައްކާ މާހައުލު ނުވަތަ "ކޮންޓެކްސްޓް" ރަނގަޅަށް ދެނެނުގަނެވި، ނުރައްކާތެރި އިރުޝާދެއް ދެވިދާނެ އެވެ.
  • ކުއްލި ޙާލަތްތައް ދެނެނުގަނެވުން: މީހަކު އަމިއްލައަށް މަރުވާން އުޅޭކަމުގެ ނުވަތަ އަމިއްލަ ހަށިގަނޑަށް ގެއްލުން ދޭން އުޅޭ ކަމުގެ ނިޝާންތައް ދެނެގަނެ، ޑޮކްޓަރެއް ފަދައިން ކުއްލި ފަރުވާއަށް މަގު ދައްކައިދިނުމުގެ ގާބިލުކަމެއް އާންމު އޭއައި ޗެޓްބޮޓްތަކަކު ނުހުރެ އެވެ. މީގެ ކުރިން ބައެއް ކުދިން އޭއައި ބޮޓްތަކުގެ ހިތްވަރު ދިނުމާއެކު އަމިއްލައަށް މަރުވި ހާދިސާތައްވެސް ހިނގާފައިވެ އެވެ.
  • ހަގީގީ ފަރުވާ ލަސްވުން: ކުއްޖާއަށް ހީވަނީ ޗެޓްބޮޓާ ވާހަކަ ދެއްކުމުން ހުރިހާ ކަމެއް ހައްލުވަނީ ކަމަށެވެ. މީގެ ސަބަބުން، ޑޮކްޓަރަކަށް ނުވަތަ ތެރަޕިސްޓަކަށް ދައްކައިގެން ހޯދަންޖެހޭ ސައިންޓިފިކް ފަރުވާ ހޯދުން ލަސްވެ، ބަލި މާ ބޮޑު ވެގެންދެ އެވެ.

އޭއައި އިން ލިބިދާނެ ފައިދާއެއް އެބައޮތްތަ؟

އޭއައި ބޭނުން ކުރުން އެއްކޮށް ގޯސް ނުވެދާނެ ހާލަތްތައް ވެސް ހުރެ އެވެ. މިސާލަކަށް، މީހަކާ ދައްކަން އުނދަގޫ ވާހަކައެއް ދައްކާނެ ގޮތް "ޕްރެކްޓިސް" ކޮށްލުމަށާއި، ހާސްކަން ކުޑަކުރާނެ ނޭވާލުމުގެ އުކުޅުތައް ދަސްކުރުމަށް ޗެޓްބޮޓް ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް އެއީ ހަމައެކަނި އިތުރު އެހީއެއްގެ ގޮތުގަ އެވެ. ހަގީގީ އިންސާނީ ގުޅުމާއި ސިއްހީ ފަރުވާގެ ބަދަލެއްގެ ގޮތުގައެއް ނޫނެވެ.

ބެލެނިވެރިންނަށް އޮތް އިރުޝާދު

ދިރާސާއިން ދައްކާ ގޮތުގައި، އޭއައި ބޭނުންކުރާ ކުދިންގެ ތެރެއިން 60 ޕަސެންޓްއަށްވުރެ ގިނަ ކުދިން އެމީހުން ޗެޓްބޮޓްތަކާ ނަފްސާނީ ވާހަކަ ދައްކާ ވާހަކަތައް އެއްވެސް މީހަކަށް ކިޔައެއް ނުދެ އެވެ. އެހެންކަމުން ބެލެނިވެރިން ކުދިންނާ ވާހަކަދައްކައި، އެކުދިން ފޯނުން ކުރާ ކަންކަމަށް ސަމާލުވާން ޖެހެ އެވެ.

ޒުވާނުންނަށް ވިސްނައިދޭންވީ، ދިރިއުޅުމުގައި ދެރަވުމާއި ހާސްވުމަކީ އާދައިގެ ކަމެއް ކަމަށާއި، އެކަންކަމުގައި އެހީތެރިވާން ތިބީ މައިންބަފައިންނާއި، ޓީޗަރުންނާއި، ޑޮކްޓަރުން ފަދަ "ހަގީގީ އިންސާނުން" ކަމެވެ.

ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު އޭއައި އަކީ ދިރިއުޅުމުގެ ބައެކެވެ. ނަމަވެސް ހިތުގެ ރިހުމަކަށް، ނުވަތަ ނަފްސާނީ ބޮޑު ބައްޔަކަށް މެޝިނެއްގެ ކިބައިން ފަރުވާ ހޯދުމަކީ ނުހަނު ނުރައްކާތެރި ކަމެކެވެ. ކޮމްޕިއުޓަރު ކޯޑުތަކަކަށް އިންސާނާގެ ޖަޒުބާތުތަކާއި ކުލުނެއް ނޭނގޭނެ އެވެ.