ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރަށް ގިނަ ގައުމުތަކުގައި "ފުޓްބޯޅަ" ކިޔާއިރު، އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކިޔަނީ "ސޮކާ" އެވެ.
ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މިއީ އެމެރިކާ މީހުން އަމިއްލައަށް ހަދައިގެން އުޅޭ ނަމެއް ކަމަށެވެ. ނަމަވެސް، ހަގީގަތަކީ "ސޮކާ" އަކީ އިނގިރޭސި ވިލާތުން އުފެދުނު، ސައްތައިން ސައްތަ އިނގިރޭސި ލަފުޒެއް ކަމެވެ.
ނަން އުފެދުނު ގޮތުގެ ތާރީހު
1800 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގެ ބޯޑިންގ ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ފައިންނާއި އަތުން ބޯޅަ ކުޅޭ ތަފާތު ގަވާއިދުތައް ގެންގުޅުނެވެ. މި ކުޅިވަރުތައް އެއް ހަމައަކަށް ފެއްތުމަށްޓަކައި 1863 ވަނަ އަހަރު ލަންޑަނުގައި "ފުޓްބޯލް އެސޯސިއޭޝަން" އުފެއްދި އެވެ. މިއާއެކު މި ކުޅިވަރު ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ.
- އެސޯސިއޭޝަން ފުޓްބޯލް: ހަމައެކަނި ފައިން ކުޅޭ، މިއަދުގެ ފުޓްބޯޅަ.
- ރަގްބީ ފުޓްބޯލް: އަތުން ބޯޅަ ހިފައިގެން ދުވޭ، މިއަދުގެ ރަގްބީ
.އޮކްސްފޯޑް ޔުނިވަރސިޓީގެ ކުރު ނަންތައް
އެ ދުވަސްވަރު އޮކްސްފޯޑް ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި، ބޮޑެތި ލަފުޒުތައް ކުރުކޮށްފައި އޭގެ ފަހަތަށް "-er" އިތުރު ކުރުމުގެ ސަގާފަތެއް އޮތެވެ. މިސާލަކަށް:
- ބްރެކްފާސްޓް (Breakfast) އަށް "ބްރެކާ" (Brekker)
- ރަގްބީ (Rugby) އަށް ކީ "ރަގާ" (Rugger)
މި އުސޫލުން، އެސޯސިއޭޝަން ފުޓުބޯޅައިގެ ތެރެއިން "އެސޯ" ނަގައި، އޭގެ ފަހަތަށް "-er" އިތުރު ކޮށްގެން އުފެއްދި ނަމަކީ "ސޮކާ" (Soccer) އެވެ. 19 ވަނަ ގަރުނުގެ ފަހުކޮޅު އިނގިރޭސިވިލާތުގެ މަތީ ފަންތީގެ މީހުންގެ މެދުގައި މި ނަން ވަރަށް މަގުބޫލުވި އެވެ.
އެމެރިކާއަށް މި ނަން ދިޔައީ ކިހިނެއް؟
އިނގިރޭސިވިލާތުގައި "ސޮކާ" ކިޔަން ފެށި ދުވަސްވަރު، އެމެރިކާގައި ރަގްބީއާއި އެސޯސިއޭޝަން ފުޓްބޯޅަ އެއްކޮށްލައިގެން އާ ކުޅިވަރެއް އުފަންވި އެވެ. އެއީ މިއަދުގެ "އެމެރިކަން ފުޓްބޯލް" އެވެ.
އެމެރިކާގައި މި ކުޅިވަރަށް "ފުޓްބޯޅަ" ކިޔަން ފެށުމުން، އިނގިރޭސި ވިލާތުން އައި އަސްލު ފުޓްބޯޅައާ އޮޅުން ނޭރުވުމަށްޓަކައި، އެމެރިކާ މީހުން އިނގިރޭސިން ބޭނުން ކުރަމުން އައި "ސޮކާ" ބޭނުން ކުރަން ފެށި އެވެ.
އެސޯސިއޭޝަން ފުޓްބޯޅައަށް އިނގިރޭސިން "ސޮކާ" ކިޔުން ހުއްޓާލީ ކީއްވެ؟
ދެވަނަ ބޮޑު ހަނގުރާމައަށްފަހު، 1970 ގެ އަހަރުތަކާ ހަމައަށްވެސް އިނގިރޭސިވިލާތުގެ މީޑިއާތަކުގައި "ސޮކާ" މި ނަން ބޭނުންކުރި އެވެ. ނަމަވެސް، އެމެރިކާގައި މި ކުޅިވަރު މާ ބޮޑަށް މަގުބޫލުވެ، އެމެރިކާ މީހުންގެ ބަހެއްގެ ގޮތުގައި "ސޮކާ" ފާހަގަވާން ފެށުމުން، އިނގިރޭސިން އެމެރިކާ މީހުންނާ ތަފާތު ވުމުގެ ގޮތުން އެ ލަފުޒު ބޭނުން ކުރުން ހުއްޓާލައި އަލުން ހަމައެކަނި "ފުޓްބޯޅަ" ކިޔަން ފެށީ އެވެ.
އެހެންކަމުން، މިއަދު އިނގިރޭސިއަކު "ސޮކާ" ކިޔާތީ ފާޑުކިޔައިފިނަމަ، އެ ނަމަކީ ހަމަ އެމީހުންގެ ކާބަފައިން އުފެއްދި ނަމެއްކަން ހަނދާން ކޮށްދޭން ޖެހެ އެވެ.
އަލީ ހާމަނާއީގެ ޖަނާޒާ ޖުލައި 4 ގައި ބާއްވަނީ
ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 51.7 ބިލިއަނަށް
ބޮންޑް"ގެ ފިލްމުތަކަށް އަހަރެންގެ އަގެއް ނުދެއްކޭނެ: ސްޓީވަން