މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި ނަމަ، ޕާޓީން ވަކިކުރާނެ ކަމަށް ވިދާޅުވެ، ކައުންސިލަރުންނަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންޒާރުދެއްވައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެބޭފުޅުންނަށް ރައީސް ނަޝީދު އިންޒާރު ދެއްވީ މިއަދު އެމްޑީޕީ އޮފީހުގައި މޭޔަރު ޝިފާއާއެކު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އެ ކައުންސިލަރު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްނުކޮށް މޭޔަރު ޝިފާގެ އިތުބާރު ނެތް ކަމަށް ވޯޓު ނުނެގޭނެ ކަމަށް ރައީސް ނަޝީދު އަންގަވާފައިވާ ކަމަށެވެ.

"ރައީސް ނަޝީދު ވިދާޅުވީ މޭޔަރު ޝިފާގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާ ކޮންމެ ކައުންސިލަރަކު އެމްޑީޕީން ވަކިކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މޭޔަރުގެ ޝިފާގެ ދިފާއުގައި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އޭނާއަކީ އެމަނިކުފާނުގެ އާއިލީ ބޭފުޅަކަށްވާތީ ކަމަށް އެ ކައުންސިލަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވަނީ މީގެ ކުރިން ބައެއް ކައުންސިލަރުން މަޖިލީހަށް ގެންގޮސް އެބޭފުޅުންނަށް އިންޒާރުދެއްވައިފަ އެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާއިން އެމްޑީޕީ ހިސޯރުކޮށްފައިވާ ކަމަށް އެ ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން އަންނަނީ ބުނަމުންނެވެ.