ތިން މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދޭން އުޅުނުކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެކަމަނާއަށް އެންގެވި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އެ މެމްބަރު އެ މައުލޫމާތު ހިއްސާ ކުރެއްވުމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެކަން އެންގެވުމަށް އެ މެމްބަރަށް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރެއް ކަމެއް މާރިޔާ ވިދާޅެއް ނުވެ އެވެ.

"މެންބަރަކު އަޅުގަނޑަށް ގުޅުއްވި، ވިދާޅުވީ ރައީސް ނަޝީދަށް ބަޔަކު 3 މިލިއަން ޑޮލަރު ދީގެން ހަމަލާއެއް ދޭން އުޅޭ ކަމުގެ ވާހަކައެއް އަޑުއެހީމޭ، މާރީ ރައީސަށް ބައްލަވައްޗޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ތިކަން ބަލަމުން ދާނަމޭ، ތިކަމަކީ ޖިނާއީ ކަމަކަށްވާތީ މެންބަރުވެސް ތިވާހަކަ ސީޕީއަށް އަންގަވައްޗޭ، އަދި ތިކަހަލަ ވާހަކައެއް އަޑުއިވުނުކަން ރައީސް ނަޝީދަށްވެސް ދަންނަވައްޗޭ، އެހެން ބުނުމުން މެންބަރު ވިދާޅުވީ މާރީ އަންގާލާށޭ، އެހިސާބުންވެސް އަޅުގަނޑު ތަކުރާރުކޮށް ދެންނެވިން ފުލުހުންނަށްވެސް އޭގައި ހިމެނޭ ޖިނާއީ ބައި މެންބަރު އަންގަވަން،" ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އެ މެމްބަރު އެ މައުލޫމާތު ހިއްސާ ކުރެއްވިއިރު ވެސް ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން އޮތީ އެންމެ މަތީ ދަރަޖައަށް ޖައްސާފައި ކަމަށެވެ. އެއީ "ކްރިޓިކަލް ރިސްކް ލެވެލް" އެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ދަރަޖަ "ހައި ރިސްކް" އިން ކްރިޓިކަލް ރިސްކަަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން ބަދަލުކޮށްފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ހަމަޖައްސާފައި ވަނީ އެންމެ މަތީ ލެވެލްގެ ސެކިއުރިޓީ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ރައީސް ނަޝީދަށް ހަމަލާދިން ރޭ އެމަނިކުފާނާއި ސެކިއުރިޓީންގެ މެދުގައި އާންމުން ހަރަކާތްތެރިވިކަން ސީސީޓީވީ ފްޓޭޖުން ފެނެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އަކީ މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ އިހުމާލުން ދިން ހަމަލާއެއް ކަމަށް އެމްޑީޕީގެ ސަޕޯޓަރުން އަންނަނީ ތުހުމަތު ކުރަމުންނެވެ.