ދުނިޔޭގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގައި ޗޭންޑްލާ ބިންގްގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދި މަޝްހޫރު އެކްޓަރު މެތިއު ޕެރީގެ ހަޔާތުގެ މައްޗަށް އެކުލެވޭ އާ ޑޮކިއުމެންޓްރީ ސީރީޒްއެއް ނެޓްފްލިކްސްއިން ގެނެސްދޭން ނިންމައިފި އެވެ.
"ދަ ވަން އަބައުޓް މެތިއު ޕެރީ" ގެ ނަމުން ނަންދީފައިވާ މި ތިން ބައިގެ ޑޮކިއުމެންޓްރީ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އޮަކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މެތިއު މަރުވި ފަހުން، އޭނާގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރެވޭ މިފަދަ ފުރަތަމަ ޑޮކިއުމެންޓްރީ ސީރީޒެވެ.
ނެޓްފްލިކްސްއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ސީރީޒްގައި މެތިއުގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިންގެ އިންޓަވިއުތައް ފެނިގެންދާނެ އެވެ.
ހާއްސަކޮށް، މެތިއު ޕެރީގެ އަންހެން ކޮއްކޮ، މިއާ ޕެރީ ބޮވިކްގެ ހަނދާންތަކާއި، މީގެ ކުރިން އާންމުކޮށްފައިނުވާ އާއިލީ ފޮޓޯތަކާއި ވީޑިއޯތައް މި ޑޮކިއުމެންޓްރީން ފެނިގެންދާނެ އެވެ.
މި ސީރީޒްގައި މެތިއުގެ ކެރިއަރުގެ ކުރީކޮޅާއި، "ފްރެންޑްސް" އާއެކު މަޝްހޫރު ކަމަށް އައި ދުވަސްތަކުގެ އިތުރުން، އޭނާގެ އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވި ނަފްސާނީ އަދި މަސްތުވާތަކެއްޗާ ދުރުވުމަށް ކުރި ދިގު ހަނގުރާމައިގެ ވާހަކަތައްވެސް ގެނެސްދޭނެ އެވެ.
މި ސީރީޒް ޑައިރެކްޓް ކޮށްދީފައިވަނީ އެމީ އެވޯޑް ވެސް ހާސިލް ކޮށްފައިވާ ކާމިޔާބު ފިލްމު އުފެއްދުންތެރިޔާ މެރީ ރޮބަޓްސަން އެވެ.
އޭނާ ބުނިގޮތުގައި މި ޑޮކިއުމެންޓްރީގެ މަގުސަދަކީ ހަމައެކަނި މަޝްހޫރު ސަތު ތަރިއެއްގެ ގޮތުގައި މެތިއު ދެއްކުމުގެ ބަދަލުގައި، އޭނާގެ ހަގީގީ އިންސާނީ ޝަހުސިއްޔަތާއި، އެންމެން ހާމަކުރަން ބޭނުންވި އަސްލު މެތިއު ޕެރީ ބެލުންތެރިންނަށް ގެނެސްދިނުމެވެ.
ސައުދީ ޓޭންކަރަކަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ
ކެންސަރު ރަނގަޅު ވުމަށްފަހު ވެސް ނުރައްކާ މުޅިން ނުފިލާ ސަބަބު!
އަމީތާބާއި ސައިފްގެ މެދުގައި އާއިލީ ގުޅުމެއް!