ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރޭގައި ހިމެނޭ، ހާއްސަ އެހީއަށް ބޭނުންވާ 500 އަށްވުރެ ގިނަ ކުދިންގެ ފްލެޓް "އަތުލައިފި" ކަމަށް ބުނެ ޝަކުވާކުރަން ފަށައިފި އެވެ.

"ކޮތަރު ކޮށި" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖެއްގައި ޝަކުވާކުރަމުން މީހަކު ލިޔެފައި ވަނީ ހިޔާ ފްލެޓު ލިސްޓުތަކާ ގުޅިގެން އެންމެ ގިނަ ޝަކުވާ ހުށަހަޅައި އަދި ދިރިއުޅުމުގެ ހާލަތު ބަލަން މިހާތަނަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައި ވަނީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އާއިލާތަކަށް ކަމަށެވެ.

" ސަރުކާރުގެ ނިންމުންތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ފްލެޓު ލިބިފައި ތިބި ހާއްސަ އެހީއަށް ބޭނުންވާ 500 އަށްވުރެ ގިނަ ކުދިންނާއި އެކުދިންގެ އާއިލާ އަށް ވަނީ ފްލެޓު ނުލިބޭނެކަން ކަށަވަރުވެފައި. ކުރިން ފްލެޓު ކަށަވަރުވި އެތައް އާއިލާ އެއްގެ ފްލެޓު މިހާރު ވަނީ ނިގުޅައިގަނެފައި،" މީހަކު ލިޔެފައިވެ އެވެ.

އެ މީހާ ބުނެފައި ވަނީ ފްލެޓް އަތުލި ސަބަބު ސާފު ނުވެ، ލިޔުނު ސިޓީތަކަށް ޖަވާބު ނުލިބި، ވާއެއް ނުވާއެއް ނޭގި ހާއްސަ އެހީއަށް ބޭނުންވާ އެތައް އާއިލާއެއް ވަރަށް ދަތިހާލުގައި އުޅެމުން ދާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރަން އުފެއްދި ޖަމިއްޔާ ޖަމާއަތްތަކުން އަޅާނުލާ ކަމަށެވެ. އަދި އެ ޖަމިއްޔާ ޖަމާއަތްތަކަކީ އެފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރުމުގެ ޒިންމާއޮތް އެ ހަައިސިއްޔަތު އޮތް ފަރާތްތަކަށް ވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ފްލެޓުގެ ކަންތަކުގައި ހަނު ތިބުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

https://www.facebook.com/Kotharu-Koshi-102495964884155

"އެމްއޭޕީޑީ ކޮބައިތޯ އެވެ؟ އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކޮބައިތޯ އެވެ؟ ބިއުޓިފުލް އައިސް އެސޯސިއޭޝަން ކޮބައިތޯ އެވެ؟އަދި ދެންވެސް ހުރި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގައި ހައްގުގައި މަސައްކަތްކުރަން އުފެއްދި ޖަމިއްޔާ ޖަމާއަތްތައް ކޮބއިތޯއެވެ؟" އެ މީހާ ސުވާލުކޮށްފައިވެ އެވެ.

އޭނާ ބުނީ އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު އެއީ އެފަރާތްތަކާއި އަދި ހާއްސަ އެއީއަށް ބޭނުންވާ ކުދިންގެ ސިއްހަތާއި، ޓްރީޓްމެންޓްތަކާއި އަދި ތެރަޕީތަކާއި ސީދާ ގުޅުން އޮތް އަދި އެކަންކަމަށް އެންމެ އަސަރުކުރާ އެއްކަންތައް ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ އެފަރާތްތަކުގެ ފްލެޓުތަކުގެ ހައްގުގައި ތެދުވެ، އެ ފަރާތްތަކަށް ހައްގުވާ ގަދަރުވެރި ދިރިއުޅުމެއް ހޯދައިދޭން އަޑުއުފުލުމަށް ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ގުޅޭ ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލާފައިވެ އެވެ.

"މިކަމުގައި މެޑަމް ⁦ފަޒުނާ‬⁩ އިސްނަންގަވާނެ ކަމަށް އުންމީދުކުރަމެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުންނަށް އިޝަރާތްކޮށް އެ މީހާ ބުނެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ފްލެޓްތައް ދީފައިވާ ގޮތް ބެލުމަށް ކޮމިޓީއެއް ހެދުމަށްފަހު، ފްލެޓް ލިބުނު ބައެއް ފަރާތްތައް ޝަރުތު ހަމަނުވާ ކަމަށް ބުނެ އެ ލިސްޓުން ދަނީ އުނިކުރަމުންނެވެ.