ސޯޝަލް މީޑިއާގައި މީހަކު ޝެއާކުރާ ޕޯސްޓަކާ ގުޅިގެން ވެސް އަބުރުގެ ދައުވާ އުފުލޭ ގޮތަށް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 500،000 ރުފިޔާއާ ހަމައަށް ފައިސާ ނަގައިދެވޭ ގޮތަށް، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

މި ބިލުގައި އަބުރާ ބެހުމުގެ އަމަލުތަކުގެ ގޮތުގައި ބެލެވޭނެ ވަރަށް ގިނަ ކަންކަން ވަނީ ތަފުސީލުކޮށް ބަޔާންކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެއްވެސް މީހެއްގެ އަބުރާ ބެހޭ ފަދަ އެއްޗެއް ސޯޝަލް މީޑިއާގައި ޝާއިއުކުރާ މީހާގެ އިތުރުން، އެފަދަ އެއްޗެއް ފަތުރައި ދައުރުކުރާ (ޝެއާކުރާ) ފަރާތްތަކުގެ މައްޗަށް ވެސް އަބުރުގެ ދައުވާ އުފުލޭނެ އެވެ. އަދި އަބުރާ ބެހުމުގެ ސަބަބުން ދައުވާކުރާ ފަރާތަށް ގެއްލުން ލިބިފައިވާކަން ސާބިތުވެއްޖެނަމަ، ކޯޓު މެދުވެރިކޮށް ބަދަލު ނަގައިދޭންވާނެ ކަމަށް ބިލުގައި ވެ އެވެ.

ބިލުގެ މައިގަނޑު މުހިންމު ނުކުތާތައް:

  • ބަދަލުގެ މިންވަރު: މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ނަގައިދެވޭނެ އެވެ.
  • އަބުރާ ބެހިދާނެ ކަންކަން: ލިޔުމަކުން، ބުނާ ބަހަކުން، ފޮޓޯއަކުން، ކުރެހުމަކުން، ނުވަތަ ވަކި މީހަކު ސިފަވާގޮތަށް ހަދާ ފިލްމެއް، ތަމްސީލެއް ނުވަތަ ވީޑިއޯއަކުން ވެސް އަބުރުގެ ދައުވާ ކުރެވިދާނެ އެވެ.
  • އިޝާރާތްތައް: މީހަކު ކުރާ ހަރަކާތަކުން ނުވަތަ އިޝާރާތަކުން ވަކި ފަރާތެއްގެ އަބުރާ ބެހޭފަދަ ގޮތަކަށް ސިފަވެ، އެކަން ދޭހަވިޔަސް ދައުވާ އުފުލޭނެ އެވެ.
  • ޝަރުތު: އަބުރުގެ ދައުވާއެއް އުފުލޭނީ، އަބުރާ ބެހުމުގެ އަމަލެއް ކަމަށް ބަޔާންކޮށްފައިވާ ކަމަކީ އެއްވެސް ހަގީގަތެއް ނެތް ދޮގަކަށް ވާ ހިނދު އެވެ.