ސިންގަޕޫރު (15 މެއި) - ސިންގަޕޫރުގައި ކޮވިޑް-19ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް އެ ގައުމުގެ ސަރުކާރުކުން އިތުރަށް ވަރުގަދަ ކޮށްފި އެވެ.
އެގޮތުން މާދަމާއިން ފެށިގެން ޖޫން މަހުގެ 13 ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި އެއްކޮށް އެއްވެ އުޅެވޭނީ ގިނަވެގެން ދެ މީހުންނަށެވެ. ހަމަ އެއާއެކު ރެސްޓޯރެންޓުތަކުގައި ހިދުމަތް ދެވޭނީ ޑެލިވަރީ އަދި ޓޭކް އަވޭ މެދުވެރިކޮށް އެކަނި ކަމަށް ހަމަޖައްސައި އެ ގައުމުގެ ސަރުކާރުން ވަނީ އަމިއްލަ ކުންފުނި ތަކަށް ވެސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އަންގައިފަ އެވެ.
ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހެލްތުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ގައުމުގައި ފެންނަ ކޮވިޑް ކޭސްތައް އިތުރުވަމުން އަންނައިރު އެއް ކޭސް އަނެއް ކޭސް އާ ގުޅުމެއް ނެތް ކޭސްތައް ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރޭ ކަމަށެވެ.
އަސްލު ނޭނގޭ ކޭސްތައް ގިނަވުމާއެކު އެ ގައުމުގައި ކޮމިއުނިޓީ ޓްރާންސްމިޝަނެއް އުޅޭކަން އަންގައިދޭ ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ބުނެފައިވާއިރު މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ބަލި ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ލުއި ފިޔަވަޅުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފާއިތުވި ހަފްތާ ތެރޭގައި އަސްލު ނޭނގޭ 15 ކޭސް އެ ގައުމުން ފެނިފައިވާއިރު އެއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
ފިޔަވަޅުތައް ހަރުކަށި ކުރަން އެ ގައުމުން ނިންމާފައި މިވަނީ ސިންގަޕޫރާއި ހޮންގްކޮންގް އާ ދެމެދު ކަރަންޓީނު އާއި ނުލާ ދަތުރުފަތުރު ކުރުން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށެވެ. މިއައި ބަދަލުތަކާއެކު ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ ދަތުރުތައް ފެށުން ފަސްކުރަން ޖެހުން ގާތް ކަމަށާއި އެކަމާ މެދު ނިންމުމެއް ނިންމާނީ އަންނަ ހަފްތާގައި ކަމަށެވެ.
ދުނިޔޭގެ ނިސްބަތުން ވެސް ކޮވިޑް ކޮންޓްރޯލްކުރަން އެންމެ ވަރުގަދަ ފިޔަވަޅުތައް އެޅި އަދި އެ ބަލި އެންމެ ބޮޑަށް ކޮންޓްރޯލްވެފައިވާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނެ އެވެ.
ސިންގަޕޫރުގައި މިހާތަނަށް 61،453 ކޮވިޑް ކޭސް ފެނިފައި ވާއިރު އެބަލީގައި އެ ގައުމުން މަރުވެފައި ވަނީ 31 މީހުންނެވެ. --އަލް އަރަބިއްޔާ