ލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން، އޭނާގެ އިސްތަށިގަނޑުގެ ސްޓައިލް ބަދަލުކޮށް (ސޯލްޓް އެންޑް ޕެޕާ ލުކްގައި) ނުކުމެ، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

އުމުރުން 61 އަހަރުގެ އާމިރު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވީ އިސްތަށިގަނޑުގައި ކުލަ ނުޖައްސައި، ނުރަ އިސްތަށިގަނޑަކާއެކުގަ އެވެ.

މި އިވެންޓުގައި އާމިރު ފެނިގެންދިޔައީ މާތަކެއް ޖަހާފައިވާ ގަމީހަކާއެކު ކަޅު އަނދުން އައިނެއް އަޅައިގެން، ވަރަށް ސާދާ އަދި ސްޓައިލިޝް ގޮތަކަށެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ އާންމުވުމާއެކު ސަޕޯޓަރުން ވަނީ އާމިރުގެ މިސިފައަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ބައެއް މީހުން ބުނެފައިވަނީ އިސްތަށިގަނޑު ނުރަވި ނަމަވެސް، އޭނާގެ މޫނުމަތިން އަދިވެސް ފެންނަނީ ވަރަށް ޒުވާން ސިފައެއް ކަމަށެވެ.

މި ބައްދަލުވުމުގައި ނޫސްވެރިން ވަނީ އޭނާގެ މަގުބޫލު ފިލްމު "އަންދާޒް އަޕްނާ އަޕްނާ"ގެ ދެވަނަ ބައެއް އަތުވެދާނެތޯއާއި، އަދި އާޝުތޯޝް ގޯވާރިކަރގެ ކުރިއަށް އޮތް ފިލްމާ ބެހޭގޮތުން ސުވާލު ކޮށްފަ އެވެ.

އާމިރު ބުނެފައިވަނީ "އަންދާޒް އަޕްނާ އަޕްނާ 2" އަށް އޭނާވެސް އިންތިޒާރުކުރާ ކަމަށެވެ. އަދި އެހެން ފިލްމުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ފާހަގަކުރީ، ކޮންމެ ފިލްމަކީވެސް ވަކި އުސޫލުތަކަކުން ކުރިއަށްދާ މަސައްކަތެއް ކަމަށާއި، ކަންކަން ފައިނަލްވުމުން އޮފިޝަލްކޮށް ރަސްމީކޮށް ހާމަ ކުރާނެ ކަމަށެވެ.

އާމިރު ޚާން އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ބެލުންތެރިންގެ ބޮޑު ތަރުޙީބެއް އަދި ރަނގަޅު ރިވިއުތަކެއް ލިބުނު ފިލްމު "ސީތާރޭ ޒަމީން ޕަރް" އިންނެވެ.