އަބޫދާބީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ކުރިއަށްގެންދާ 500 މިލިއަން ޑޮލަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ކުރެހުންތައް ސަރުކާރުން މިއަދު ދައްކާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން 5،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ސިންގަޕޫރުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ވާއު އާކިޓެކްޓްސް އިންނެވެ. ހުޅުމާލެ ފޭސް 3 ވިޝަން މާސްޓަރޕްލޭންގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގައި އުސް ރެސިޑެންޝަލް ޓަވަރުތަކާއި، ވޯޓަފްރަންޓް ޓައުންހޯމްތަކުގެ އިތުރުން އާންމު ހިދުމަތްތައް ހިމެނޭނެ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މިތަން ތަރައްގީވެގެން އަންނައިރު އާންމުންނަށް ބޭނުންވާނެ އެންމެ ޒަމާނީ ހިދުމަތްތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތަކާއި، ކެފޭ، ރެސްޓޯރަންޓް، ފިހާރަތަކާއި އަދި ހިތްފަސޭހަ މައިޒާންތައް ހިމެނޭނެ ކަމަށް ކުރެހުންތަކުން ދައްކަ އެވެ.

ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްގީކުރުމަށްވެސް އީގަލް ހިލްސްއާއެކު އެއްބަސްވެފައިވާއިރު، މި މަޝްރޫއުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.