ރޭގަނޑު ލަސް ވަންދެން ހޭލާ އުޅޭ މީހުން ނުވަތަ "ނައިޓް އައުލްސް"އަށް ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ، ރޭގަނޑު އަވަހަށް ނިދާ މީހުންނަށްވުރެ ބޮޑުކަމަށް އާ ދިރާސާއަކުން ދައްކައި ފިއެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަންގެ ޖާނަލްގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި 300,000 އަށްވުރެ ގިނަ މީހުންގެ މަޢުލޫމާތު ވަނީ ދިރާސާ ކޮށްފަ އެވެ.
ރޭގަނޑު ލަސް ވަންދެން ހޭލާ އުޅޭ މީހުންގެ ހިތުގެ ސިއްހަތު ދަށްވުމުގެ ފުރުސަތު 79 ޕަސެންޓް އިތުރުއިރު، އަވަހަށް ނިދާ މީހުންނާ އަޅާބަލާއިރު ރޭގަނޑު ހޭލާ އުޅޭ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ 16 ޕަސެންޓް އިތުރެވެ.
މީގެ އިތުރުން، މި ނުރައްކާ ފިރިހެނުންނަށްވުރެ އަންހެނުންގެ މެދުގައި ބޮޑުކަންވެސް މި ދިރާސާއިން ވަނީ ފާހަގަ ކުރެވިފަ އެވެ.
ނުރައްކާ ބޮޑުވަނީ ކީއްވެ؟
ސާންސްވެރިން ފާހަގަކުރާ ގޮތުގައި، ހަމައެކަނި ލަހުން ނިދުމުގެ އިތުރުން، ރޭގަނޑު ހޭލާ އުޅޭ މީހުންގެ އާދަކާދަތަކަކީ ވެސް ހިތުގެ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަންކަމެވެ.
ނިދި ހަމަނުވުމާއި ނިދާ ގަޑިތައް ނުގަވާއިދުން ބެހެއްޓުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން އިތުރުވުމަކީ މީގެ މުހިންމު ސަބަބުތަކެކެވެ.
އެއާއެކު ރޭގަނޑު ލަސްވާ ފަހުން ކެއުމާއި، ދުޅަހެޔޮ ނޫން ކާނާ ބޭނުންކުރުމުގެ އިތުރުން ކަސްރަތުކުރާ މިންވަރު މަދުވުމަކީ ވެސް ސިއްހީ ނުރައްކާތައް އިތުރު ކުރުވާ ކަންކަމެވެ.
ކަންކަން ރަނގަޅުކުރުމަށް ސިއްހީ މާހިރުންގެ އިރުޝާދު
މި ދިރާސާ ކުރެއްވި ކަމާބެހޭ މާހިރުން ބުނާ ގޮތުގައި، ރޭގަނޑު ހޭލާ އުޅޭ މީހަކަށް ވީނަމަވެސް ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުތަކެއް ގެނެސްގެން ހިތުގެ ނުރައްކާ ކުޑަ ކުރެވިދާނެ އެވެ.
ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ނިދައި، އެއް ގަޑިއެއްގައި ހޭލުމަށް އާދަކުރުން މުހިންމެވެ.
ދުވާލު ގަޑީގައި އިރުގެ އަލިކަމަށް ހާމަވުމާއި، ރޭގަނޑު ގަޑީގައި ފޯނާއި ސްކްރީންތަކުގެ އަލި މަދު ކުރުމަށް ސަމާލުކަން ދޭންޖެހެ އެވެ.
އެއާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލި ވުމާއެކު، ގަވާއިދުން ކަސްރަތު ކުރުމާއި، ނިދުމުގެ މަދުވެގެން 3-4 ގަޑިއިރު ކުރިން ކެއުން ނިންމާލުން ބުއްދިވެރި އެވެ.
ސިއްހީ ގޮތުން ރައްކާތެރިވުމުގެ ގޮތުން ލޭގެ ޕްރެޝަރާއި، ހަކުރު އަދި ކޮލެސްޓްރޯލް ގަވާއިދުން ޗެކްކޮށް ބެލެހެއްޓުމަށް މާހިރުން އިރުޝާދުދެ އެވެ.