އުމުރުން ދުވަސްވާ ވަރަކަށް، ހާއްސަކޮށް 50 އަހަރުން މަތިވުމުން އިސްތަށި ފޭބުމާއި ތުނިވުމަކީ ގިނަ އަންހެނުންނަށް ކުރިމަތިވާ އާންމު މައްސަލައެކެވެ. ނަމަވެސް މިއީ މާޔޫސްވާންވީ ކަމެއް ނޫން ކަމަށާއި، މިކަން ހައްލުކުރުމަށްޓަކައި ދޫކޮށްލަންޖެހޭ މުހިންމު ތިން އާދައެއް އެމެރިކާގެ ނިއުޔޯކް ސިޓީގެ މަޝްހޫރު ހަމުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޑޮރިސް ޑޭ ވަނީ ހާމަކުރައްވާފަ އެވެ.

ޑރ. ޑޭ ފާހަގަކުރެއްވި ގޮތުގައި އިސްތަށި ފޭބުމަކީ ހަމައެކަނި ސިއްހީ ބޮޑެތި މައްސަލަތަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އިސްތަށިގަނޑު ސްޓައިލް ކުރުމުގައި ޒަމާނުއްސުރެ ކުރެވޭ ކުދިކުދި ކަންކަމުގެ ސަބަބުން ވެސް އިސްތަށިގަނޑު ބަލިކަށިވެ، ފައިބަން މެދުވެރިވެ އެވެ.

އެގޮތުން ހުއްޓާލަންޖެހޭ އެންމެ ފުރަތަމަ ކަމަކީ އިސްތަށިގަނޑު މާ ބާރަށް އައްސާފައި ބެހެއްޓުމެވެ. މިގޮތަށް މައްޗަށް ނަގައި ބާރަށް އައްސާފައި ބެހެއްޓުމުން ނިތްކުރިމައްޗާއި ކަންފަތް ކައިރީގެ ނާޒުކު އިސްތަށިތަކުގެ ބުޑަށް ބާރުބޮޑުވެ، ބުޑުތަކަށް ލޭ ދައުރުވުމާއި އޮކްސިޖަން އަދި ނިއުޓްރިއަންޓްސް ލިބުން މަދުވެ އެވެ. މީގެ ހައްލަކީ އިސްތަށިގަނޑު ދޫކޮށް އައްސާފައި ބެހެއްޓުމާއި، ހާއްސަކޮށް ގޭތެރޭގައި އުޅޭއިރު ނުއައްސައި ދޫކޮށްލާފައި ބެހެއްޓުމެވެ.

ދެވަނަ ކަމަކީ އާދައިގެ ރަބަރު ބޭންޑު ބޭނުންކުރުން ހުއްޓާލުމެވެ. ރަބަރު ބޭންޑު ބޭނުންކުރުމުން އިސްތަށިތައް އޮޅި، ފަސޭހައިން ބުރިވެގެންދެ އެވެ. އެހެންކަމުން އޭގެ ބަދަލުގައި ފޮތި ޖަހާފައި ހުންނަ އިލާސްޓިކް ބޭންޑު ނުވަތަ 'ސިލްކް ސްކްރަންޗީ' ފަދަ ތަކެތި ބޭނުންކުރުމަށް ޑޮކްޓަރު ލަފާދެއްވަ އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ތެތް އިސްތަށިގަނޑުގައި ފުނާ އެޅުމެވެ. އިސްތަށިގަނޑު ތެތްކޮށް ހުންނައިރު ހުންނަނީ ވަރަށް ބަލިކަށި ހާލަތެއްގައި ކަމަށްވާތީ، އެ ވަގުތު ފުނާ އެޅުމުން އިސްތަށި ބުޑުން ލުހިގެންދާ މިންވަރު އިތުރުވެ އެވެ. މިކަމުން ރައްކާތެރިވުމަށްޓަކައި ދަތްބޮޑު ފުނަލެއް ބޭނުންކުރުމަށާއި، ފުނާ އަޅާއިރު އަބަދުވެސް ތިރިން ފަށައިގެން މަޑުމަޑުން ގޮށްތައް ފިލުވަމުން މައްޗަށް ދިއުމަށް އިރުޝާދު ދެއްވަ އެވެ.

މި ކަންކަމަކީ އެއްވެސް އަގުބޮޑު ފަރުވާއަކާ ނުލައި، ކޮންމެ ދުވަހެއްގެ އާދަކާދައަށް ގެނެވޭ ކުދިކުދި ބަދަލުތަކަކުން އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އަމިއްލައަށް ކޮށްލެވިދާނެ ވަރަށް ފަސޭހަ ކަންތައްތަކެކެވެ.