ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާކުރެއްވުމާ ގުޅިގެން އެކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ހައިކޯޓުގެ ކުރީގެ ދެ ފަނޑިޔާރުންކަމަށްވާ އަލީ ސަމީރާއި، އަބްދުއްރައޫފު އިބްރާހީމް އެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ސަމީރާއި އަބްދުއްރައޫފު އެކަންޏެވެ.

އެ ދެ ބޭފުޅުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަނޑިޔާރުންނަށް ފްލެޓް ދިން މައްސަލާގައި މިދިޔަ ސަރުކާރުގައި މަގާމުން ވަކިކުރި ދެ ބޭފުޅުންނެވެ.

މި ސަރުކާރުން ވަނީ ހައިކޯޓުގެ ފަނޑިޔާރު ިކަމަށް އަލުން ރައޫފް އައްޔަންކޮށްފަ އެވެ. އަދި ސަމީރު ވަނީ އޭގެފަހުން ޑެޕިޔުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމް ފުރުއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ބޭނުންވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ އަސާސީ މުސާރައަކީ 59،700 ރުފިޔާއެވެ. އެލަވަންސްގެ ގޮތުގައި 25،000 ރުފިޔާ އަދި ރިސްކު އެލަވެންސްގެ ގޮތުގައި އިތުރު 3،000 ރުފިޔާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވަ އެވެ.