މާލެ ސަރަޙައްދުގެ ބިންހިއްކުމުގެ މަޝްރޫއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ރަހުނުކޮށްގެން ލޯނު ނެގުމުން ދައުލަތުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން އޮތް މިންވަރު ހާމަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދަން އެމްއޭސީއެލްއިން ބޭންކް އޮފް މޯލްޑިވްސްއިން 56 މިލިއަން ޑޮލަރުގެ ލޯނެއް ނެގިކަން އިންޓާނަލް އޮޑިޓުން ހާމަވުމާ ގުޅިގެންނެވެ. މި ލޯނު ނެގުމަށްޓަކައި ވެލާނާ އެއާޕޯޓް ވަނީ ރަހުނުކޮށްފަ އެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރަސްމާލެ މަޝްރޫއު ފެށީވެސް ކޮރަޕްޝަންގެ ތެރެއިން ކަމަށެވެ. އަދި އެތަނުގެ ބިން ހިއްކާ ސީއެމްސީ ކުންފުނީގެ ވެރިޔާ ސިވާރާޖާ މަނިވަންނަ އާއި ރައީސް މުހައްމަދު މުއިއްޒަކީ ފައިސާގެ ދެ އަޅުން ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

ރަސްމާލޭގައި ރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެތަނުން ރާ ވިއްކޭނެ ކަމަށް އެމަނިކުފާނާ އަރިސް ބޭފުޅުން ވިދާޅުވަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން މުސްތަގުބަލުގައި ދިވެހި ދައުލަތް ކިޔާތަނެއް އޮންނާނީ ހަމައެކަނި ގާނޫނުއަސާސީގެ ކަރުދާހުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިފަދަ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ރައީސް މުއިއްޒަށް އެންމެ ބޮޑަށް އެހީތެރިވެދެނީ އެމްއޭސީއެލްއިން ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.

"މިކަމުގައި ރައީސް މުއިއްޒަށް ވައްކަންކޮށްދީ އެހީތެރިވެދެނީ އެމްއޭސީއެލް އިން. މިއަދު އެމްއޭސީއެލްގެ ވަކި ވަކި ފުރާޅުގެ ޓިނުތަކަށް ދާންދެން އެހުރީ ރަހުނުކޮށްފައި،" ޔާމީން ވިދާޅުވި އެވެ.

"ހަމައެކަނި އެތާ ރަހުނު ނުކޮށް އޮތީ ޝަރީފު ލައިގެން ހުރި ހެދުމާއި އެތާ ފަޅު."

އެމަނިކުފާނު ވިދާޅުވީ މިކަންކަމުން ދައުލަތުގެ ނިޒާމުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ސާފުކޮށް އެނގިގެންދާ ކަމަށެވެ.