ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އުވާލުމަށާއި، ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ އަހަރީ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ އަންނަ ޖަނަވަރީ 1 އިން ފެށިގެން އަމަލުކުރާ ގޮތަށް ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ މިންގަނޑު ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން އިއުލާނުކުރައްވާފަ އެވެ.

އެއާއެކު، އިގްތިސޯދީ ކޮމިޓީގައި އޮތް ޖީއެސްޓީ ބިލަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ.

މެންބަރު ނިޒާރު ހުށަހެޅުއްވި އިސްލާހުގައި ވަނީ 12 މަސްދުވަހުގެ ތެރޭގައި ޓެކްސް ނެގޭ ހަރަކާތްތަކުން ލިބޭ ޖުމްލަ އާމްދަނީ 1 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ ގޮތަށް އޮތް އޮތުން 1.5 މިލިއަން ރުފިޔާއަށް ބަދަލުކުރުމަށެވެ. އަދި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ފާއިތުވި 12 މަހު ފޯރުވައިދިން މުދަލާއި ހިދުމަތުގެ އަގު 750,000 ރުފިޔާއަށް ވުރެ މަދުވާނަމަ، ޖީއެސްޓީ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅޭނެ ގޮތް ހެދުންވެސް ހިމެނެ އެވެ.

މީގެއިތުރުން، ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް އޮގަސްޓު މަހު ގެނައި ބަދަލާއެކު، ރަޝިޔާއާއި އިންޑިއާގެ އިތުރުން ވިލާތުގެ ގައުމުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ޖަމިއްޔާތަކުން ވަނީ މާލީ އަދި އިދާރީ ދަތިތައް ކުރިމަތިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޓްރެވަލް އޭޖެންޓުންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް ރިއާޔަތްކުރެއްވުމަށްފަހު، އެ ޓެކްސް އުވާލުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއެކު، ކޮމިޓީގެ އިއްތިފާގުން ވަނީ މި ބަދަލުތަކާއެކު ބިލު ފާސްކޮށްފަ އެވެ.