ސަރުކާރުގެ ފަރާތުން ތަނެއް ހަމަޖައްސައިދިނުމުގައި އެއްބާރުލުން ނުލިބުމާ ގުޅިގެން، އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ކޮންގްރެސް އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފި އެވެ.
މި މަހުގެ 19 ވަނަ ދުވަހު ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ކުރިން ނިންމާފައި އޮތް ނަމަވެސް، އެކަށީގެންވާ ތަނެއް ލިބުން ލަސްވުމުގެ ސަބަބުން ކޮންގްރެސް ފަސްކުރަން ޖެހުނުކަން އެމްޑީޕީން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ތާރީހު ކަނޑައެޅުމުގެ އިހުތިޔާރު ގައުމީ މަޖިލީހުން ސެކްރެޓޭރިއަޓަށް ދީފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޗެއާޕާސަން މުހައްމަދު ޝިފާޒް ވިދާޅުވީ، ކޮންގްރެސް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 އިން 3 ގެ ނިޔަލަށް ކަމަށެވެ. އެގޮތުން ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ 9:00 ގައި އޮންނާނެ ކަމަށާއި، ބައްދަލުވުންތައް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ ހޯލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ މި ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ އިތުރުން، އެމްޑީޕީގެ ކައުންސިލްތަކުން ހިންގަން ރާވާފައިވާ އެކިއެކި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ހާއްސަ ފޯރަމެއް ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި ސަރުކާރުން ތަނެއް ނުދީގެން އެމްޑީޕީ ގޮތް ހުސްނުވާނެ ކަމަށާއި، މީގެ ކުރިން ވެސް މާލެއިން ޖާގަ ނުލިބިގެން ރަށްރަށުގައި ކާމިޔާބުކަމާއެކު ކޮންގްރެސް ބާއްވާފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ، ކޮންގްރެސް ބޭއްވުމަށް އެންމެ ފުރަތަމަ ސޯޝަލް ސެންޓަރު ހޯދުމަށް އެދުނު ކަމަށެވެ. އެތަން ނުލިބުމުން ހެންވޭރު ދަނޑާއި ހުޅުމާލެ ސެންޓްރަލް ޕާކް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްބާރުލުން ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހައުސިން މިނިސްޓްރީ އާއި އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް ގާނޫނީ ގޮތުން ބާއްވަން ޖެހޭ މިފަދަ ހަރަކާތަކަށް ޖާގަ ހޯދަން އެދުމުން ވެސް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ.
މި ފަހަރުގެ ކޮންގްރެސްއަށް ހުށަހެޅޭ މުހިންމު އިސްލާހުތަކުގެ ތެރޭގައި، ޗެއާޕާސަންގެ ދައުރުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ. އަދި ޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރަށް އަވަސްކުރުމަށް ވެސް ނިންމާނެ ކަމަށް ބެލެވެ އެވެ.
މި ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން މިދަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިހާތަނަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، އެމަނިކުފާނު އަދި ރަސްމީކޮށް އެކަން ހާމަކުރައްވާފައެއް ނުވެ އެވެ.
އާއްމު ސިއްހަތާ ބެހޭގޮތުން ނިޔަފަތިތައް ބުނެދެނީ ކޮން ވާހަކައެއް؟
ނިލަންދޫ އަމާން ހިޔާގެ ސީލިންގު ވެއްޓި ކުދިން އެހެން އިމާރާތަކަށް
މަޝްހޫރު ސީރީޒް "އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަންގެ އިޝާރާތެއް!