ވިސްނަން ޖެހޭ ކަންކަން ގިނަވުމުން ސިކުނޑިއަށް އުނދަގޫވޭ. އޭގެ ސަބަބުން ނިދުމަށް އުނދަގޫވޭ. މަސައްކަތުގެ ސަބަބުން ހަށިގަނޑަށް ވަރުބަލިކަން ލިބިފައި ވީނަމަވެސް ސިކުނޑިއަށް ބާރުބޮޑުވެފައިވާ ނަމަ، ނިދުމަށް އަސަރު ކުރޭ. ސިކުނޑިއަށް ލުއިކޮށްލައި ނިދުމަށް ފަސޭހަ ކުރުމަށްޓަކައި، ކަމާބެހޭ މާހިރުން ލަފާދެއްވަނީ ކުރަން ހުރި ކަންކަމާ މެދު ވިސްނުމުގެ ބަދަލުގައި ގަނޑުކޮޅެއްގައި، ލިސްޓެއްގެ ސިފައިގައި އެ ކަންކަން ލިޔެލުމަށް. އެގޮތަށް ކަންތައް ކުރުމުން ނިދަން ފަސޭހަވެފައިވާ ކަމަށް ދިރާސާތަކުން ވެސް ހާމަވޭ.

ސިކުނޑީގައި އެނބުރޭ ހައިޖާނުތަކަކީ ނިދަން އުނދަގޫ ކުރާނެ ކަމެކެވެ. މިކަން ފެށެނީ ނިދުމަށްޓަކައި ބާލީހުގައި ބޯ ޖައްސާލުމާއެކު އެވެ. ލޯމަރާލުމާ އެކު ނުކުރެވި ހުރިކަންކަމާއި، ފަހުން ކުރަން ބަހައްޓާފައި ހުރި ކަންކަން ސިކުނޑީގައި އެނބުރެން ފަށަ އެވެ. އެއާއެކު ވަރުބަލިވެފައި ހުރުމާއެކު ވެސް، ނުނިދިގެން ތެދުވެ، ނުނިމި ހުރިކަން ކަމަށް ތައްޔާރު ވެލެވެ އެވެ.

އެމެރިކާގެ ވާޖީނިއާ ސިޓީގެ މޭރީ ވޮޝިންޓަން ހެލްތްކެއާގެ ސްލީޕް މެޑިސިންގެ މެޑިކަލް ޑައިރެކްޓަ ޑރ. އެމް ޓަރުޖް އަލީ ވިދާޅުވާ ގޮތުގައި އޭނާއަށް ދައްކަން އަންނަ ބަލިމީހުންގެ ފަރާތުން ލިބޭ އެންމެ އާންމު ޝަކުވާއަކީ ހަށިގަނޑާއި ސިކުނޑި ވަރުބަލިވެފައި ވީނަމަވެސް ނިދަން އުނދަގޫވާ ކަމުގެ ޝަކުވާ އެވެ. އަދި ކުރިއަށް ކުރަން ހުރި ކަންކަމާއި ނުކުރެވި ހުރި ކަންކަމާމެދު ވިސްނޭ ކަމަށެވެ.

މިގޮތަށް ސިކުނޑި ހާސްކުރުވާ ނަމަ، ކަމާބެހޭ މާހިރުން ލަފާ ދެއްވަނީ ކުރަން ހުރި ކަންކަމުގެ ލިސްޓެއް ލިޔެލާ ސިކުނޑިއަށް ލުޔެއް ދިނުމަށެވެ. މިކަން ކުރަން އެންމެ ރަނގަޅު ވަގުތެއް ކަމުގައި އެބޭފުޅުން ލަފާ ދެއްވަނީ ދުވާލުގެ މަސައްކަތް ނިމުމާއެކު ދުވާލުގެ ވަގުތެއްގަ އެވެ. ނިދާގަޑީގެ ކުރިން އެކަން ކޮށް ނިންމުމެވެ.

ސައިކޮލޮޖިސްޓުން ބުނާގޮތުގައި މިގޮތަށް ގަނޑުކޮޅެއްގައި ކުރަން ހުރިކަންކަން ލިސްޓް ކޮށްލުމުން ސިކުނޑިއަށް ޕްރެޝާ ކުޑަވެ އެވެ. ކުރަން ހަނދާން ނެތިފައިވާ ކަމެއް ނިދަން އޮއްވައި ކުއްލިއަކަށް ހަނދާން ވެއްޖެނަމަ، އެނދުން ތެދުވެ އެކަމެއް ކުރާނެ އެންމެ ފުރިހަމަ ގޮތަށް ލިޔެ ޕްލޭން ކުރުމަށް ވުރެ، އެންމެ ފަސޭހައިން އަތުޖެހޭ ކަރުދާސް ކޮޅެއްގައި އެ މަސައްކަތް ނޯޓްކޮށްލުމަށް ވެސް އެފަރާތްތަކުން ލަފާދެއްވަ އެވެ.

ފަހުގެ އެކި ދިރާސާއަކުން ވެސް "ޓުޑޫ ލިސްޓް" ނޯޓް ލިއުމަކީ ނިދުމަށް ފަސޭހަ ކަމެއްކަމުގައި ވަނީ ދެނެގަނެވިފަ އެވެ. އެގޮތުން 2018 ގައި 57 މީހުން ހިމަނައިގެން ކުރެވުނު ދިރާސާއަކުން އިނގުނުގޮތުގައި ނިދުމުގެ ކުރިން ކުރިއަށް ކުރަން ހުރިކަންތައް ލިޔުނު މީހުން އަވަހަށް ނިދި އެވެ. އޭގެ ތެރެއިން ވެސް ކުރަންހުރި ކަންކަމުގެ ތަފްސީލު ލިޔުނު މީހުން އެނޫން މީހުނަށް ވުރެ ނިދީ އަވަހަށެވެ.

ސައިކޮލޮޖިސްޓުން މިއަށް ދީފައިވާ ނަމަކީ "ކޮގްނިޓިވް އޯފްލޮޑިން" އެވެ. ކޮގްނިޓިވް އަޕްލޯޑިންގައި ސިކުޑިން ކުރަންޖެހޭ މަސައްކަތެއް އެހެން ވަސީލަތެއް ބޭނުން ކޮށްގެން ނިންމާލެވޭތީ ސިކުޑިއަށް ލުއިވެ އެވެ. ސިކުޑިއަށް އެކަނި މަސައްކަތް ކުރުމަށް ދޫކޮށް ލޯޑް ބޮޑު ކޮށްލުމަކީ ކޮމްޕިއުޓާ ސްކްރީނެއްގައި ހުޅުވިފައި ހުންނަ "ބްރައުސާ ޓެބް"ތަކެއް ފަދަ ކަމެއް ކަމުގައި އެމީހުން ސިފަކުރެ އެވެ. އެހެނީ ހުޅުވިފައި ހުންނަ ކޮންމެ ބްރައުސާ ޓެބްއަކުން މަސައްކަތެއް ކުރަން ޖެހޭކަން ބުނެ ބުނެ ހުރެ އެވެ. އޭގެ ބަދަލުގައި ނޯޓެއްގައި ލިޔެ ރައްކާކުރުމުން އެއީ ކުރަންޖެހޭ ނަމަވެސް ވަގުތުން އަޅާލަން ނުޖެހޭކަމެއް ކަމަށް ބުނެދެ އެވެ.

ވީމާ ރޭގަނޑު ނިދަން ފަސޭހަ ކުރުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ލިސްޓެއްގެ ގޮތުގައި ތަފްސީލުކޮށް ލިޔެލާށެވެ. އެކަން ކުރަން އެންމެ ރަނގަޅު ވަގުތަކީ ދުވާލުގެ މަސައްކަތް ނިމުމުންނެވެ.