ނަފުސާނީ ބަލިތައް ތަހަންމަލުކުރާ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމާއި، އެފަދަ މީހުންގެ ހައްގުތައް ކަށަވަރުކުރުމާ ބެހޭ އުސޫލުތަކާއި ހަމަތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފި އެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިނެވެ.
މި ބިލުގައި ނަފުސާނީ ބައްޔާއެކު ދިރިއުޅޭ އެކި ހާލަތްތަކުގައިވާ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ހަމަތަކުގެ އިތުރުން، އެ ހިދުމަތް ހޯދާ މީހުންގެ ހައްގުތަކާއި އެކި އިދާރާތަކާއި މުއައްސަސާތަކުގެ ޒިންމާތައް ވަނީ ތަފުސީލުކޮށް ބަޔާންކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ދެވޭ ނަފުސާނީ ސިއްހަތުގެ ހިދުމަތްތަކަކީ ވަށާޖެހޭ ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅުއްވަންޖެހޭނެ ކަމަށް ބިލުގައިވެ އެވެ. އަދި އެ ސިޔާސަތުގައި ކަނޑައަޅާ އަމާޒުތައް ހާސިލުކުރުމަށްޓަކައި މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވައިލާ އެކްޝަން ޕްލޭނެއް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓުން އެކުލަވައިލަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ބިލު ގާނޫނަކަށްވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަފުސާނީ ފަރުވާއަށް ހާއްސަ މަރުކަޒުތަކެއް ދައުލަތުން ގާއިމުކުރަންޖެހޭނެ އެވެ. މީގެ އިތުރުން ނަފުސާނީ ދުޅަހެޔޮކަމުގެ އެސެސްމެންޓުތަކާއި، ރިފަރަލްގެ ހިދުމަތްތަކާއި، އަދި އެއާގުޅޭ ސިއްހީ ފަރުވާގެ ހިދުމަތްތައް ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކަކުން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ނަފުސާނީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ އަދި 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދޭނެ ހެލްޕްލައިނެއް ގާއިމުކުރުމަށްވެސް ލާޒިމުކޮށްފައިވެ އެވެ.
މި ބިލުގައި ނަފުސާނީ ފަރުވާ ހޯދުމަށް އަމިއްލައަށް ހުއްދަދެވޭ ހާލަތުގައި ތިބޭ މީހުންނާއި، އަމިއްލައަށް ހުއްދަނުދެވޭ ހާލަތުގައި ތިބޭ މީހުންގެ އިތުރުން، ކުޑަކުދިންނާއި ބަންދުގައި ނުވަތަ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ތިބޭ މީހުންނަށް ނަފުސާނީ ފަރުވާ ދެވޭނެ އުސޫލުތައްވެސް ވަކިން ވަނީ ހިމަނައިފަ އެވެ.
ބިލްގައިވާގޮތުން ގާނޫނު ހުއްދަކުރާ ހާލަތުގައި ތަންފީޒީ އިދާރާތަކަށާއި ފަރުވާ ކުރިއަށް ގެންދިޔުމަށްޓަކައި ފަރުވާދޭ ފަރާތްތަކަށް މައުލޫމާތު ހާމަކުރުން ފިޔަވައި، އެ ނޫން ހާލަތްތަކުގައި ނަފުސާނީ ބަލި ތަހައްމަލު ކުރާ މީހެއްގެ ޒާތީ މައުލޫމާތު އެ މީހެއްގެ ހުއްދަ ނެތި ހާމަކުރުމަކީ ކުށެކެވެ. އެފަދަ އަމަލެއް ކުރާ މީހަކު 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން، އިހުމާލުވުމުގެ އަމަލުތަކާއި މަނާ ފަރުވާ ދިނުން ފަދަ ކަންކަން ކުށުގެ ގޮތުގައި ބަލައި، އަދަބުތައް ވަނީ ކަނޑައަޅައިފަ އެވެ.
ޝާހިދުގެ ދިފާއު: ދޮންދަރިއެއް ނުހުންނާނެ
އޮންލައިންކޮށް އިމްތިހާނު ހެނޭނެ ގޮތް ހަމަޖައްސަން އަންގަނީ
މައިލީ ސައިރަސްއާއި މެކްސް މޮރާންޑޯ ކައިވެނި ކޮށްފި
