މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފު ވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ރެޑް އެލާޓް ނެރެފަ އެވެ. މި ހާލަތަކީ އަހަރުމެންގެ ސިއްހަތަށް ވެސް ނުރައްކާތެެރި ހާލަތެކެވެ.

ވައި ތަގައްޔަރުވުމަކީ އާންމުކޮށް ކެއްސުމާއި، ނޭވާލުމަށް ދަތިވުމާއި، ނޭވާލުމުގެ ނިޒާމުގެ އެހެނިހެން ބަލިތަކާ ގުޅުންހުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. އެގޮތުން ނޭވާލާ ތަގައްޔަރު ވައިގެ ސަބަބުން ހަޖަމުގެ ނިޒާމަށް ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ އެވެ.

ވައި ތަގައްޔަރުވުމާއި ހަޖަމުގެ ސިއްހަތާ ހުރި ގުޅުން ކިޔައިދެއްވަމުން، ޝާރްދާކެއާ ހެލްތުސިޓީގެ އިންސްޓިޓިއުޓް އޮފް ގެސްޓްރޯ ސައިންސަސްގެ ޑިރެކްޓަރު އަދި ހެޕަޓޮލޮޖިސްޓް/ތެރަޕިއުޓިކް އެންޑޮސްކޮޕިސްޓް ޑރ. އަބީޝެކް ދީޕަކް ވިދާޅުވަނީ، ވައިގެ ތެރޭގައި ހުންނަ ގެއްލުންދެނިވި މާއްދާތަކުގެ އަސަރު ފުއްޕާމެއަށް ވުރެ ބޮޑަށް ހަށިގަނޑުގެ އެތެރޭގެ އެހެން ނިޒާމުތަކަށް ވެސް ފޯރާ ކަމަށެވެ.

ގޮހޮރުގެ މައިކްރޯބަޔޯމްއަށް ވައި ތަގައްޔަރުވުމުގެ އަސަރު ކުރާ ގޮތް

ޑރ. ދީޕަކް ވިދާޅުވި ގޮތުގައި، ތަގައްޔަރު ވެފައިވާ ވައި ނޭވާއާއެކު އެތެރެކުރާއިރު، ޕީއެމް 2.5 ފަދަ ވަރަށް ކުދި ޕާޓިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން ގެއްލި އިންފްލެމޭޝަން (ދުޅަވުން) އަދި އޮކްސިޑޭޓިވް ސްޓްރެސް އުފެދެ އެވެ. ބަ

އެއް ޕޮލިއުޓެންޓްސް ލޭގެ ތެރެއަށް ވާސިލުވާއިރު، އަނެއްބައި މާއްދާތައް ނޭވާލާ ހޮޅީގައި އުފެދޭ ދަވައާއެކު ސާފުވެ، ދިރުވުމުގެ ތެރޭގައި ހަޖަމުގެ ނިޒާމަށް ވާސިލުވެ އެވެ. މިކަމުގެ ސަބަބުން ގެއްލުންދެނިވި މާއްދާތަކަށް ހަޖަމުގެ ނިޒާމު ހުށަހެޅެ އެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ގޮހޮރުގެ މައިކްރޯބަޔޯމްއަކީ ހަޖަމުގެ ސިއްހަތު ދެމެހެއްޓުމަށާއި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ތިމާވެށީގެ ޕޮލިއުޓެންޓްސްގެ ސަބަބުން ގޮހޮރުގައިވާ ފައިދާހުރި އަދި ގެއްލުންހުރި ޖަރާސީމުތަކުގެ ހަމަހަމަކަން ގެއްލި، ހަޖަމުގެ އާންމު މަސައްކަތްތަކަށް ބުރޫއަރަ އެވެ.

ގޮހޮރުގެ ޖަރާސީމުތަކުގެ ހަމަހަމަކަން ގެއްލުމާއި ގޮހޮރުގައި އިންފްލެމޭޝަން އުފެދުމުގެ ސަބަބުން ބަނޑު ފުއްޕުން، ގޮހޮރުގެ ހަރަކާތްތަކަށް ބަދަލު އައުން، އަދި ބަނޑުގައި ރިއްސުން ނުވަތަ އުނދަގޫވުން ފަދަ ކަންކަން ބައެއް މީހުންނަށް ކުރިމަތިވެ އެވެ.

ގޮހޮރު އަދި ފުއްޕާމޭގެ ގުޅުން: "ގަޓް-ލަންގް އެކްސިސް"

ނޭވާލުމުގެ ނިޒާމާއި ހަޖަމުގެ ސިއްހަތާ ދެމެދު އޮންނަ ގުޅުމަށް ކިޔަނީ "ގަޓް-ލަންގް އެކްސިސް" އެވެ. މި ދެ ނިޒާމު ގުޅިފައިވަނީ ދިފާއީ ނިޒާމުގެ ރިއެކްޝަންތަކާއި، އިންފްލެމޭޓަރީ މަގުތަކާއި، މައިކްރޯ-އޯގަނިޒަމްތަކުގެ މެދުގައި ހިނގާ މުއާމަލާތްތައް މެދުވެރިކޮށެވެ.

ޑރ. ދީޕަކް ވިދާޅުވި ގޮތުގައި، ދިފާއީ މަސައްކަތްތަކަށް ބަލާއިރު ގޮހޮރާއި ފުއްޕާމެއަކީ މުޅިން ވަކި ދެ ނިޒާމެއް ނޫނެވެ. އެއް ނިޒާމަކަށް އަންނަ ބަދަލުތަކުން ހަށިގަނޑުގެ އާންމު ދިފާއީ ނިޒާމަށާއި މަސައްކަތްތަކަށް އަސަރުކުރެ އެވެ.

އެހެން ކަމުން، ހަޖަމުކުރުމަށާއި، ދިފާއީ ނިޒާމަށާއި، އާންމު ދުޅަހެޔޮކަމަށް ގޮހޮރުގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

ވައި ތަގައްޔަރުވެފައިވާ ދުވަސްވަރެއްގައި ގޮހޮރުގެ ސިއްހަތު ރައްކާތެރި ކުރާނެ ގޮތްތައް

ވައި ތަގައްޔަރުވުމުން މުޅިން ސަލާމަތްވުމަކީ އަބަދު ފަސޭހަ ކަމަކަށް ނުވި ނަމަވެސް، ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅިދާނެ އެވެ.

  • ވައިގެ ފެންވަރު ބެލުން: ވައިގެ ފެންވަރު ހުރި މިންވަރު (އެއާ ކޮލިޓީ އިންޑެކްސް) ބަލައި، ވައި ތަޣައްޔަރު މިންވަރު މަތި ވަގުތުތަކުގައި ބޭރުގައި ގިނަ ވަގުތު އުޅުން މަދު ކުރުން.
  • ކަސްރަތު ކުރަން ރައްކާތެރި ތަންތަން އިހުތިޔާރު ކުރުން: ޓްރެފިކް ބާރު ބޮޑު މަގުތަކާ ކައިރީގައި ކަސްރަތު ނުކުރުން.
  • ގޭތެރޭގެ ވައި ސާފުކޮށް ބެހެއްޓުން: ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ދުމާއި ކައްކާއިރު އަރާ ދުމަށް ހުށަހެޅޭ މިންވަރު މަދުކޮށް، ވައި ދައުރުވާނެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުން.
  • ފައިބާ ގިނަ ކާނާ ކެއުން: މޭވާ، ތަރުކާރީ، ހޯލް ގްރެއިންސް އަދި ކާބްސްގެ ބާވަތްތައް ހިމެނޭ ހަމަހަމަ ކާނާ ކެއުމުން ގޮހޮރުގެ ފައިދާހުރި ޖަރާސީމުތަކަށް ބޭނުންވާ މާއްދާތައް ލިބެ އެވެ.
  • ފެން ބުއިމާއި ކެއުމުގެ ގަޑިތައް ހަމަޖެއްސުން: ހަށިގަނޑުގައި ފެން ހުންނަ މިންވަރު ހަމަހަމަކޮށް ބެހެއްޓުމާއި ކޮންމެ ދުވަހަކު ވެސް ކެއުމުގެ ގަޑިތައް އެއްގޮތަކަށް ހިފެހެއްޓުމަކީ ހަޖަމުގެ ނިޒާމުގެ މަސައްކަތް ރަނގަޅަށް ހިންގުމަށް އެހީތެރިވާ ކަމެކެވެ.