ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަދި ވިޔަފާރިވެރިއެއް ކަމަށްވާ ކެޓްރީނާ ކައިފްގެ އާ ދިރިއުޅުމާއެކު ރީތިކަމާއި އަމިއްލަ ނަފްސަށް އަޅާލުމާ މެދު އޭނާ ދެކޭގޮތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުނެފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ މޮޑެލްކުރުމާއި އެކްޓިންގެ ދާއިރާއަށް އަލަށް ވަދެވުނުއިރު ރީތިކަމުގެ މިންގަނޑުތަކާ މެދު ގުޅިފައިވަނީ ވަކި ހާއްޞަ ސިފަތަކެއް ކަމަށެވެ. ނަމަވެސް، މިހާރު އޭނާއަށް "އެންމެ ރީތިކޮށް ހުރުމަކީ" އެންމެ އުފާވެރިކޮށް އަދި ދުޅަހެޔޮކޮށް ހުރުން ކަމަށް ކެޓްރީނާ ފާހަގަކުރި އެވެ.

ކެޓްރީނާ އާއި އޭނާގެ ފިރިމީހާ ވިކީ ކޯޝަލްއަށް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފިރިހެން ކުއްޖަކު (ވިހާން ކޯޝަލް) ލިބިފައިވާއިރު، ވިހެއުމަށްފަހު އޭނާގެ ހަންގަނޑު މާ ބޮޑަށް ސެންސިޓިވްވި ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން ބޭނުންކުރާ ކޮސްމެޓިކްސް އުފެއްދުންތަކާމެދު ވަރަށް ބޮޑަށް ސަމާލުވާންޖެހުނު ކަމަށާއި، ހަންގަނޑަށް ފަރުވާލިބޭ، އާދައިގެ މަޑުމައިތިރި އުފެއްދުންތައް ބޭނުންކުރަން ފެށިކަމަށް ކެޓްރީނާ ހާމަކުރި އެވެ.

މީގެ އިތުރުން، މަސައްކަތުގެ ބުރަ ދިރިއުޅުމުން ބޭރުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަ ކުރުމަކީ ނަފްސާނީ ހަމަޖެހުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ކެޓްރީނާ ބުންޏެވެ. އެއާއެކު ޑިޖިޓަލް ވަސީލަތްތައް ގިނަވެފައިވާ މި ޒަމާނުގައި، ސިކުނޑިއަށް އަރާމުދިނުމުގެ ގޮތުން ފޯނާ ދުރުވެލައި، ހަމަހިމޭން ވަގުތުކޮޅެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރި އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި، މެޑިޓޭޓް ކުރުމުގެ އިތުރުން ހެނދުނު ހޭލައިގެން އިރުގެ އަލިކަން ހޯދުމަކީ އޭނާގެ ދިރިއުޅުމުގެ އާދަތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަން ކަމަށް ކެޓްރީނާ ބުންޏެވެ.

އެތެރެ ފުށުން ދުޅަހެޔޮކަން އިހުސާސް ކުރެވުމުން، އެކަމުގެ އުފާވެރިކަމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޭރު ފުށުންވެސް ފެންނާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ކެޓްރީނާ ކައިފްގެ އަމިއްލަ ބިއުޓީ ބްރޭންޑް "ކޭ ބިއުޓީ"އަކީވެސް މިހާރު އިންޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.