އުމުރު ދިގުވުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ދެމިހުރުމަކީ ހަމައެކަނި ޖީންސް ނުވަތަ ވިރާސީ ސިފަތަކުގެ މައްޗަށް އެކަނި ބިނާވެގެންވާ ކަމެއް ނޫނެވެ.

ހާވަޑް މެޑިކަލް ސުކޫލުގެ ދިރާސާވެރިން ފާހަގަ ކުރައްވާ ގޮތުގައި، ދިގު އުމުރަކަށް ދިއުމަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތައް ބައްޓަން ކުރާނެ 5 މުހިންމު އަސާސެއްވެ އެވެ.

ހާވަޑްގެ ލެކްޗަރާ އަދި ސައިންސްވެރިޔާ ޑރ. ބަރޒިލައި ވިދާޅުވާ ގޮތުގައި "ރަނގަޅު ސިއްހަތަކީ އެހާ ބޮޑު ސިއްރެއް ނޫނެވެ. އެއީ އެންމެންނަށްވެސް އެނގޭ، ނަމަވެސް ގަވާއިދުން އަމަލުކުރަން އުނދަގޫވާ އާދައިގެ އަސާސްތަކެކެވެ."

ތިރީގައި މިވަނީ ދިގު އުމުރަކަށް މަގުފަހިކޮށްދޭ އެ 5 އަސާސެވެ.

1. ހަރަކާތްތެރިވެ އުޅުން

ހަރަކާތްތެރިވެ އުޅުމަކީ އިންސާނާގެ ހަށިގަނޑުގެ ހުރިހާ ނިޒާމެއް އެއްފަހަރާ ވަރުގަދަ ކޮށްދޭ އެންމެ މުހިންމު ވަސީލަތެވެ. އެއީ އިންސުލިން ސެންސިޓިވިޓީ ރަނގަޅު ކުރުމާއި، ސިކުނޑީގެ ދުޅަހެޔޮ ކަމާއި، ކަށިތަކުގެ ވަރުގަދަކަން ދެމެހެއްޓުމަށް އެހީވެދޭ ކަމެކެވެ. ހަފުތާއަކު މަދުވެގެން 150 މިނެޓުގެ ކަސްރަތު ކުރުމަށާއި، ގިނަ ވަގުތު އިށީނދެގެން އިންނަ އިނުން މެދުކަނޑާލައި ކުޑަކޮށް ހިނގާލުމަށް މާހިރުން އިރުޝާދުދެ އެވެ.

2. ރަނގަޅު ކާނާ

ކާނާއަކީ އަޅުގަނޑުމެންގެ ސެލްތަކަށް ބޭނުންވާ ހަކަތައާއި މާއްދާތައް ފޯރުކޮށްދޭ މައިގަނޑު ވަސީލަތެވެ. ދިގު އުމުރަކަށް ކެއުން ބައްޓަންކުރުމުގައި އަސާސީ ގޮތުން ސަމާލުކަން ދޭންވީ ގުދުރަތީ ފުރިހަމަ ކާނާ ބޭނުން ކުރުމަށެވެ. އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕްރޮޓީން ހޯދުމާއި، ސީދާ ހަކުރު ގިނައިން އެކުލެވޭ ކާނާ މަދު ކުރުން މުހިންމެވެ.

3. އަރާމު ނިދި

ނިދުމަކީ ހަށިގަނޑާއި ސިކުނޑި އަމިއްލައަށް މަރާމާތުވެ، ސިކުނޑީގައި އުފެދޭ ބޭކާރު މާއްދާތައް ނައްތާލާ ވަގުތެވެ. ކޮންމެ ރެއަކު 7 އާއި 8 ގަޑިއިރާ ދެމެދުގެ ގަވާއިދުން ލިބޭ ނިދިއަކީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނިދާ ގަޑިއާއި ހޭލާ ގަޑި އެއްވަރެއްގައި ދެމެހެއްޓުމަކީ ނިދީގެ މިންވަރަށްވުރެވެސް މުހިންމު ކަމެއްގެ ގޮތުގައި ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

4. ނުތަނަވަސްކަމާއި ސްޓްރެސް ކުޑަ ކުރުން

ކުރު މުއްދަތަކަށް އަންނަ ސްޓްރެސްއަކީ ސިކުނޑި ހޭލުންތެރިކޮށްދޭ ކަމެއް ނަމަވެސް ދިގު މުއްދަތަކަށް ސްޓްރެސްގައި އުޅުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި ހިތުގެ ސިއްހަތު ހަލާކުކޮށް، އުމުރު ކުރުކޮށްދޭ ކަމެކެވެ. ސްޓްރެސް ކުޑަ ކުރުމަށްޓަކައި ގަވާއިދުން ކަސްރަތު ކުރުމާއި، އިރުގެ އަލި ލިބޭ ގޮތަށް އުޅުމާއި، އަރާމު ކުރުން މުހިންމެވެ.

5. އިޖުތިމާއީ ގުޅުންތައް

އިންސާނުންނަކީ އެކަނިވެރިކޮށް އުޅެވޭނެ ބައެއް ނޫނެވެ. އާއިލާއާއި، ރައްޓެހިން އަދި މުޖުތަމައާ އޮންނަ ހަރުދަނާ ގުޅުމަކީ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. ރަނގަޅު އިޖުތިމާއީ ގުޅުންތަކުގެ ސަބަބުން ސްޓްރެސް ކުޑަވެ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ދިގު އުމުރެއް އުޅުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.

މި ފަސް އަސާސަކީ އެކުއެކީގައި މަސައްކަތްކުރާ ކަންކަމަށް ވާއިރު، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ކުދިކުދި އެދެވޭ ބަދަލުތަކުންވެސް ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރާނެ އެވެ.