"ކޮފީ ވިތު ކަރަން" ގެ ފަހު ސީޒަންގެ އެންމެ ފަހު އެޕިސޯޑުގައި ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރު ވަނީ ބައިވެރިވެފަ އެވެ. މި ޕްރޮގްރާމުގައި އެ ދެމަފިރިން ވަނީ މިދިޔަ އަހަރު އެމީހުންގެ ގޭގައި ސައިފަށް ދިން ނުރައްކާތެރި ވަޅީގެ ހަމަލާއާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ތަފްސީލީ ގޮތެއްގައި ވާހަކަދައްކާފަ އެވެ. މި ހަމަލާއަކީ ރޭވުންތެރިކަމެއްގެ ދަށުން އަމިއްލައަށް އުފައްދައިގެން އުޅޭ ކަމެއް ކަމަށާއި، ސައިފް އެހާ އަވަހަށް ބަލިން ފަސޭހަވީ ކިހިނެއްތޯ ސުވާލު އުފައްދައި ދެކެވޭ ވާހަކަތަކަށް ކަރީނާ ވަނީ ވަރުގަދަ ރައްދެއް ދީފަ އެވެ. އަދި ސައިފްގެ ހަށިގަނޑުން ފޭބި ލޭ ފެނުމުން ލިބުނު ނަފްސާނީ ބިރުވެރިކަން ކަރީނާ ހިއްސާކުރި އެވެ.
ކަރީނާ ބުނީ ކީކޭ؟
"މިފަދަ ހީތަކެއް މީހުން ކުރަނީ ކީއްވެގެން ކަމެއް އަހަންނަކަށް ނުވިސްނޭ. އޭގެ މާނައަކީ ފުލުހުންވެސް ތިބީ އަހަރެމެންނާ ގުޅިގެންނޭތަ؟ ސަބަބަކީ އެމީހުން އެ މީހާ ހައްޔަރުކުރި. އެހެންވީމާ ފުލުހުންވެސް ބައިވެރިވީތަ؟ ސައިފް ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ދަރިފުޅު [ތައިމޫރު] އާއި ގޭގައި މަސައްކަތްކުރާ ހަރީއާ ދެމީހުންވެގެން. މީހުން އެފަދަ ޝައްކުތައް ކުރުމަކީ ހިތާމަހުރި ކަމެއް. އަހަރެން ރޭގަނޑު ނިދަންލާ ޓީޝާޓުގައި މަގުމަތިން ރިކްޝާއެއް ހޯދަން އުޅުނިން. ނަސީބަކުން އެ މަންޒަރު އެއްވެސް މީހަކު ވީޑިއޯއެއް ނުކުރޭ. އަހަރެން މަގުމަތީގައި ހަޅޭއްލަވަމުން ދުވީ މޮޔައަކު ފަދައިން. ސައިފްގެ ހަށިގަނޑުން ލޭ އޮހެމުން ދިޔަ ވަގުތު ލިފްޓް ތެރެއިން އޭނާއާ ދިމާއަށް ބަލާފައި އަހަރެން ބުނިން 'ތިހެން ނުހަދާށޭ'. ތައިމޫރު އެންމެ ފުރަތަމަވެސް އެހީ 'އައްބާ މަރުވަނީ ހެއްޔޭ؟'" ކަރީނާ ކިޔާދިނެވެ.
ސައިފް ބުނިގޮތުގައި އެއީ އޭނާގެ ހަޔާތުގައި އައި އެންމެ ބިރުވެރި ރޭގަނޑެވެ. ލިބުނު އަނިޔާތަކުގެ ނުރައްކާތެރިކަމާއި، ދަރިންގެ ކުރިމަތީގައި ހިތްވަރުގަދަކޮށް ހުރުމަށް ކުރި މަސައްކަތް އޭނާ ކިޔައިދިނެވެ. ކަރީނާ ބުނިގޮތުގައި ސައިފަށް އޭރު ހިނގައެއްވެސް ނުގަނެވެ އެވެ. އަދި އޭނާގެ މައިބަދައިގައި ހެރިފައި ހުރި ވަޅި ނެގުމަށްޓަކައި ޑޮކްޓަރުންނަށް އޭނާގެ ނާރުތަކަށް ބަދަލު ގެންނަން ޖެހުނެވެ. މި ހާދިސާ ހިނގި ވަގުތު އެމީހުންގެ ހަގު ދަރިފުޅު ޖޭ ހުރީ ހުރިހާ މަންޒަރެއް ބަލާށެވެ. އަދި ސައިފް ރައްކާތެރިކުރުމަށްޓަކައި އޭނާގެ ކުޅޭ ކަނޑި ސައިފަށް ދިން ކަމަށާއި، ޖޭ ދެކޭގޮތުގައި ސައިފަކީ "އަޔަން މޭން" ފަދަ މީހެއް ކަމަށް ކަރީނާ ބުންޏެވެ.
މި ހާދިސާ ހިނގީ 2025 ޖެނުއަރީ 16 ވިލޭރޭ ބަންޑަރާގައި ހުންނަ ސައިފްގެ އެޕާޓްމަންޓުގަ އެވެ. ހަމަލާދިން މީހާ އެޕާޓްމަންޓަށް ވަނީ ފަޔާ އެސްކޭޕް މެދުވެރިކޮށް 12 ވަނަ ފަންގިފިލާއަށެވެ. އޭނާ އެންމެ ފުރަތަމަ ކުރިމަތިލީ ސައިފްގެ ދަރިފުޅު ބަލަހައްޓާ ނަރުސް އެލިޔާމާ ފިލިޕްއާ އެވެ. އޭނާ ނަރުސް މީހާއަށް ބިރުދައްކައި އަޑުނުލެއްވުމަށް އަމުރުކުރި އެވެ. އަދި ކުއްޖާ ނަގަން އުޅުމުން ނަރުސް މީހާއަށް ހަމަލާދިނެވެ.
ނަރުސް މީހާ އޭނާ ބޭނުންވަނީ ކޮން އެއްޗެއްތޯ އެހުމުން، "ފައިސާ ބޭނުން" ކަމަށް ބުނެ އެއް ކްރޯޑު ރުޕީސްއަށް ޑިމާންޑްކުރި އެވެ. ނަރުސް މީހާ ހަޅޭއްލަވައިގަތް އަޑަށް ސައިފާއި ކަރީނާ އެ ކޮޓަރިއަށް ދިޔަ ވަގުތު ސައިފަށް ހަމަލާދިނީ އެވެ.
މި ހަމަލާގައި ސައިފްގެ ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ހަރާފައިވާއިރު، މައިބަދައަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މައިބަދައިގައި ހެރިފައި ހުރި ވަޅީގެ 2.5 އިންޗީގެ އެތިކޮޅެއް ނެގުމަށް ލީލާވަތީ ހޮސްޕިޓަލުގައި ކުއްލި ސާޖަރީއެއް ކުރަންޖެހުނެވެ. މީގެ އިތުރުން އަތާއި ކަރަށް ލިބުނު އަނިޔާތަކަށް ޕްލާސްޓިކް ސާޖަރީވެސް ކުރި އެވެ. ސައިފް ހޮސްޕިޓަލުން ދޫކޮށްލީ ފަސް ދުވަސް ފަހުންނެވެ.
މި މައްސަލާގައި ފުލުހުން ވަނީ މުހައްމަދު ޝަރީފުލް އިސްލާމް ނަމަކަށް ކިޔާ މީހަކު ތާނޭ އިން ހައްޔަރުކޮށްފަ އެވެ. އޭނާއަކީ އިންޑިއާގައި ޣައިރު ގާނޫނީ ގޮތުން އުޅެމުންދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށާއި، އޭނާ އުޅުނީ ވިޖޭ ދާސްގެ ނަމުގައި ކަމަށް ފުލުހުން ބުނެ އެވެ. އޭނާގެ މައްޗަށް ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި، ގަސްދުގައި ބޮޑެތި އަނިޔާ ދިނުމާއި، ހުއްދަނެތި ގެއަށް ވަނުމުގެ ދައުވާގެ އިތުރުން އިމިގްރޭޝަން ގާނޫނާ ހިލާފުވުމުގެ ދައުވާވެސް ވަނީ އުފުލާފަ އެވެ.
އެމެރިކާގެ ސިޔާސަތު ބަދަލުވާނެ ކަމަށް ބަލައިގެންނުވާނެ: ހާމަނާއީ
އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމަކަށް އަލް-ސައީދު
މޯލްޑިވްސް އެކްސްޕޯގެ ނަމުގެ މައްސަލަ ކުރިމަތިވެ, ކޯޓަށް