އަންހެނުންގެ ހަށިގަނޑުގެ ބަރުދަނާއި، މެޓަބޮލިޒަމް، ދަރިމައިވުމުގެ ނިޒާމު، މޫޑު އަދި ހަކަތަ ކޮންޓްރޯލް ކުރުމުގައި ހޯމޯންތަކަކީ އެންމެ މުހިންމު ދައުރެއް އަދާކުރާ ކެމިކަލް މެސެންޖަރު ތަކެވެ.
ބޭލާ ކޮލެޖް އޮފް މެޑިސިންގެ މާހިރުން ފާހަގަ ކުރައްވާ ގޮތުގައި، ހޯމޯންތަކުގެ މިންވަރު މަތިވުން ނުވަތަ ދަށްވުމަކީ އަންހެނުންގެ ސިއްހަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ކަމެކެވެ.
ހޯމޯން މައްސަލަތަކުގެ ސަބަބުން ގަވާއިދުން ހައިޟު ނުވުމާއި، ދަރިމައިވުމުގެ މައްސަލަތައް، ޓައިޕް-2 ހަކުރުބަލި އަދި ކޮލެސްޓްރޯލް މަތިވުން ފަދަ މެޓަބޮލިކް ބަލިތަކާއި، މޫޑު ބަދަލުވުމުގެ އިތުރުން ކަށި ފީވުމާއި ހިތުގެ ބަލިތަކަށް މަގުފަހިވެ އެވެ.
ޑރ. މޯނާ ރޯމެޒީ ފާހަގަކުރެއްވި ގޮތުގައި އަންހެނުންގެ ހަށިގަނޑުގައިވާ އެސްޓްރޯޖެން، ޕްރޯޖެސްޓަރޯން، ޓެސްޓޮސްޓެރޯން، އިންސުލިން، ކޯޓިސޯލް އަދި ތައިރޮއިޑް ހޯމޯންތަކަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިފައިވާ ހޯމޯން ތަކެކެވެ. އުފާވެރި ހަބަރަކީ، ދިރިއުޅުމުގެ އާދަކާދައަށް ބަދަލުތަކެއް ގެނެސްގެން މި ހޯމޯންތައް ހަމައަކަށް އެޅުވިދާނެ ކަމެވެ.
ހޯމޯންތަކަށް އަސަރުކުރާ މައިގަނޑު ކަންތައްތައް
- ބަރުދަން: ހަށިގަނޑުގެ ބަރުދަން މާބޮޑަށް ލުއިވުމަކީ ދަރިމައިވުމަށް ބޭނުންވާ މުހިންމު ހޯމޯންތައް މަދުވެ، މައްސަރު ކަންތައް ހުއްޓުމަށް މަގުފަހިވާ ކަމެކެވެ. އަނެއްކޮޅުން، ބަރުދަން މާބޮޑަށް އިތުރުވުމަކީ އެސްޓްރޯޖެން މަތިވެ، ކެންސަރު ފަދަ ނުރައްކާތަކަށް މަގުފަހިކުރާ ކަމެކެވެ.
- ކެއިންބުއިމުގެ އާދަތައް: ޕްރޮޓީން، ފައިބާ، އަދި ސިއްހަތަށް ފައިދާހުރި ފެޓްސް (އޮމެގާ-3) އެކުލެވޭ ކާނާ ބޭނުން ކުރުމަކީ ލޭގައި އެކުލެވޭ ހަކުރު އަދި ހޯމޯންތައް ހަމައަކަށް އަޅުވައިދޭ ކަމެކެވެ. އަދި ގަވާއިދުން ގަޑިއަށް ކެއުމަކީ އިންސުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދޭ ކަމެކެވެ.
- ކަސްރަތު ކުރުން: މިންވަރަކަށް ކަސްރަތު ކުރުމަކީ އިންސުލިން އަދި ޖިންސީ ހޯމޯންތައް ހަމައަކަށް އަޅުވައިދޭ ކަމެކެވެ. ނަމަވެސް އެކަށީގެންވާ ކާނާ ނުކައި، މާބޮޑަށް ބުރަކޮށް ކަސްރަތު ކުރުމަކީ ހޯމޯންތަކަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
- ނިންޖާއި ސްޓްރެސް: ނިދި މަދުވުމާއި ދާއިމީ ގޮތެއްގައި ސްޓްރެސްވުމަކީ ސްޓްރެސް ހޯމޯން (ކޯޓިސޯލް) މަތިކޮށް، ދަރިމައިވުމުގެ ނިޒާމުގެ ހޯމޯންތަކުގެ މަސައްކަތަށް ހުރަސްއަޅާ ކަމެކެވެ.
- ތިމާވެށީގެ ނުރައްކާތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުން: ޕްލާސްޓިކްގައި ހުންނަ ބީޕީއޭ ފަދަ ކެމިކަލްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެސްޓްރޯޖެން މެޓަބޮލިޒަމް ހަލާކުކޮށް، އަވަހަށް އިއްދައިން ކެނޑުމަށް މަގުފަހިކުރާ ކަންކަމެވެ.
ދިރިއުޅުމުގައި އަޅަންޖެހޭ ފިޔަވަޅުތައް
ސިއްހަތު ރަނގަޅު ބަރުދަނެއްގައި ހުރުމަށާއި، ރޭގަނޑު 7 އާއި 9 ގަޑިއިރާ ދެމެދު ނިދުމުގެ އިތުރުން ގަވާއިދުން ކަސްރަތުކޮށް، ސްޓްރެސް ކުޑަ ކުރުމަށް މާހިރުން އިރުޝާދު ދެއްވަ އެވެ.
އެއާއެކު މައްސަރު ކަންތައް ގަވާއިދުން ނުވުމާއި، މޫނުގައި އޮއްސި ނެގުން ނުވަތަ އާދާޚިލީ ގޮތުން މާބޮޑަށް ވަރުބަލިވުން ފަދަ އަލާމާތްތައް ފެންނަނަމަ، ސީދާ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ.
ޗާގޯސްގެ އެއްބަސްވުން އިނގިރޭސިވިލާތުން މުރާޖާއާކުރަނީ
ނުގުޅުނު ބޭރުގެ 8 ކުންފުންޏެއްގެ މައުލޫމާތު އާއްމުކޮށްފި