2020 ވަނަ އަހަރު މަރުވި ސެލެބްރިޓީ މެނޭޖަރު ދިޝާ ސާލިއަންގެ މަރުގެ މައްސަލައާ ބޮލީވުޑްގެ އެކްޓަރު ސޫރަޖް ޕަންޗޯލީގެ ނަން ގުޅުވައިގެން އިންޓަނެޓުގައި ފެތުރެމުންދާ ނަފްރަތާއި ލިބެމުންދާ އިންޒާރުތަކާ ބެހޭގޮތުން އަނެއްކާވެސް އޭނާ ވާހަކަ ދައްކައިފި އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ތަފްސީލީ ބަޔާނެއްގައި ސޫރަޖް ބުނެފައިވަނީ، އޭނާއަށް މަރުގެ އިންޒާރުތަކާއި އޮންލައިން ފުރައްސާރައާ ވެސް ކުރިމަތިވަމުންދާ ކަމަށެވެ.
ބޮމްބޭ ހައިކޯޓުން ދިޝާ ސާލިއަންގެ މަރުގެ މައްސަލަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއިން ތަހުގީގު ކުރުމަށް އަމުރު ކުރުމާ ގުޅިގެން ސޫރަޖް ވަނީ އޭނާގެ ކުށެއް ނެތްކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.
އަހަރެން ބިރެއް ނުގަނޭ: ސޫރަޖް
ސޫރަޖް ބުނި ގޮތުގައި އޭނާ މީގެ ކުރިންވެސް އެތައް ފަހަރަކު ސާފު ކޮށްދީފައިވާ ގޮތަށް، މަރުވި ދިޝާއާ ނުވަތަ ސިޔާސީ ޝަހުސިއްޔަތު އާދިތުޔާ ތާކްރޭއާވެސް ދުވަހަކުވެސް ބައްދަލުވެފައި ނުވެ އެވެ.
"އަހަރެން އަނެއްކާވެސް މިވާހަކަ ތަކުރާރުކޮށް މިބުނަނީ، ސަބަބަކީ ބައެއް މީހުންނަށް އަދިވެސް މިކަން ސާފުނުވާތީ. އަހަރެން ދުވަހަކުވެސް ދިޝާ ސާލިއަން ނުވަތަ އާދިތުޔާ ތާކްރޭއާ ބައްދަލެއް ނުކުރަން. ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް." ސޫރަޖް ބުންޏެވެ.
އޭނާ އިތުރަށް ބުނީ ކަން އެހެން އޮތް ނަމަވެސް އޮންލައިންކޮށް ކުރާ ފުރައްސާރައަކަށް ހުއްޓުމެއް ނާންނަ ކަމަށާއި އޭނާ ބިރު ގަންނަވާލެވޭނެ ކަމަށް ހީކޮށް މަރުގެ އިންޒާރުތައްވެސް ދީފައިވާ ކަމަށެވެ.
އެއާއެކު އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަންކަމުގެ ތެރެއަށް އޭނާގެ ނަން ވައްދައިގެން އޭނާގެ އުމުރުން އެތައް އަހަރެއް ބޭކާރުވެގެން ގޮސްފައިވާ ކަމަށް ސޫރަޖް ބުނެފައިވެ އެވެ.
މިހާރު އަމިއްލަ ދިރިއުޅުމާއި ކެރިއަރު އަލުން ބިނާކުރަން މަސައްކަތްކުރާ ވަގުތު ހިމޭނުން ނުހުންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ތަހުގީގީ އިދާރާތަކާއި މީޑިއާއަށް ކުރި އިލްތިމާސް
ސޫރަޖް ވަނީ މި މައްސަލަ އަވަސް ކާމިޔާބީއަކާއެކު ފުރިހަމައަށް ތަހުގީގު ކޮށްދިނުމަށް ތަހުގީގީ އިދާރާތަކުގައި އެދި ފައެވެ.
މި މައްސަލައިގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްކަން އެންމެ ކުޑަމިނުން އެންމެ ހެކިފޮތެއް ނަމަވެސް ފެނިއްޖެނަމަ، ގާނޫނީ ގޮތުން ދޭ ކޮންމެ އަދަބަކާ ސުވާލަކާ ނުލައި ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް ސޫރަޖް ބުންޏެވެ.
ނަމަވެސް، ތަހުގީގުން އޭނާގެ އެއްވެސް ކުށެއް ނެތްކަން ސާބިތު ވެއްޖެނަމަ، ތަހުގީގީ އިދާރާތަކުންނާއި މީޑިއާތަކުން އެކަން ވަރަށް ސާފުކޮށް އާންމުންނަށް ހާމަ ކޮށްދިނުމަށް އޭނާ އެދުނެވެ.
ސޫރަޖް ގަބޫލުކުރާ ގޮތުގައި އޭނާގެ ނަން މިކަމުގެ ތެރެއަށް ވައްދަން ބަޔަކު މަސައްކަތް ކުރަނީ އޭނާގެ އާއިލާގެ މެމްބަރުންނާމެދު ބައެއް މީހުންގެ ހުރި ހިތްހަމަނުޖެހުންތަކެއްގެ ސަބަބުންނެވެ. އެހެން މީހުންގެ ކުށްތަކުގެ އަދަބު އޭނާއަށް ނުދިނުމަށް އޭނާ އިލްތިމާސް ކުރި އެވެ.
ދިޝާ ސާލިއަންގެ މަރުގެ މައްސަލަ
ދިޝާ ސާލިއަންއަކީ މަރުވެފައިވާ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މެނޭޖަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި އަންހެނެކެވެ. އޭނާ މަރުވެފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހު، މުމްބާއީގެ އިމާރާތަކުން ވެއްޓިގެންނެވެ. އޭގެ މަދު ދުވަސްކޮޅެއް ފަހުން ސުޝާންތު ސިންގްވެސް ވަނީ އަމިއްލައަށް ދަން ޖެހިގެން މަރުވެފަ އެވެ.
ކުރިން މުމްބާއީ ފުލުހުން މި މައްސަލަ ނިންމާލާފައިވަނީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް، ދިޝާގެ ބައްޕަ ސަތީޝް ސާލިއަން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ބޮމްބޭ ހައިކޯޓުން ވަނީ މި މައްސަލަ ސީބީއައިއިން އަލުން ތަހުގީގު ކުރުމަށް އަމުރު ކޮށްފަ އެވެ.
ބްރިޖް މަތިން ފުންމާލި މީހާ ހޮސްޕިޓަލުގައި އޮއްވާ ހައްޔަރުކޮށްފި
ބޫޓާއި ފައިވާނުގެ ސަބަބުން ކަކުލުގެ މައްސަލަތަކަށް މަގުފަހި ވޭތަ؟
ކަނޑުއޮޅި ހުޅުވާލުމަށް އެމެރިކާއާއި އީރާނުން މަޝްވަރާކުރަނީ