ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ މިލްކިއްޔާތުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ބޮޑު އަދަދެއް އުނިވި ނަމަވެސް، އޭނާއަކީ އަދިވެސް އިންޑިއާގެ އެންމެ މުއްސަނދި އެކްޓަރުގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.

"ހުރުން އިންޑިއާ ރިޗް ލިސްޓް 2026" އިން ދައްކާ ގޮތުގައި ޝާހްރުކްގެ މިލްކިއްޔާތު މިހާރު އުޅެނީ 10,000 ކުރޯޑު އިންޑިއަން ރުޕީސްގަ އެވެ.

2025 ވަނަ އަހަރުގެ ލިސްޓުގައި އޭނާގެ މިލްކިއްޔާތު 12,490 ކުރޯޑު ރުޕީސްގައި އުޅުނުއިރު، މިއީ އެއް އަހަރު ތެރޭ 2,490 ކުރޯޑު ރުޕީސްގެ ދަށްވުމެކެވެ.

ޝާހްރުކްގެ އާމްދަނީއަކީ ފިލްމުތަކުން އެކަނި ލިބޭ އެއްޗެއް ނޫނެވެ. އޭނާގެ އަމިއްލަ ފިލްމު ކުންފުނި "ރެޑް ޗިލީސް އެންޓަޓެއިންމަންޓް" އާއި އައިޕީއެލް ޓީމު ކޮލްކަތާ ނައިޓް ރައިޑާސްގެ މައި ކުންފުނި "ނައިޓް ރައިޑާސް ސްޕޯޓްސް"ގައި އޮންނަ ހިއްސާއަކީވެސް އޭނާގެ މުއްސަނދިކަމުގެ ބޮޑު ބައެކެވެ.

މި ލިސްޓުގެ ދެވަނައިގައި ވަނީ މަޝްހޫރު އެކްޓަރު އަދި ފިލްމީ ދާއިރާގެ ބޮޑު ނަމެއް ކަމަށްވާ އަމީތާބް ބައްޗަން އެވެ. އަމީތާބްގެ މިލްކިއްޔާތު ވަނީ 2025ގެ 1,630 ކުރޯޑު ރުޕީސްއިން 4,000 ކުރޯޑު ރުޕީސްއަށް އިތުރުވެފަ އެވެ.

ލިސްޓުގެ ތިންވަނައިގައި ސަލްމާން ޚާން 3,000 ކުރޯޑު ރުޕީސްއާއެކު ހިމެނޭއިރު، ރިތިކް ރޯޝަން ވަނީ 2,500 ކުރޯޑު ރުޕީސްއާއެކު ހަތަރުވަނަ ހޯދާފަ އެވެ. ރިތިކްގެ މުއްސަނދިކަން އިތުރުވުމުގައި އޭނާގެ ފިޓްނަސް ބްރޭންޑް "އެޗްއާރްއެކްސް" ބޮޑު ދައުރެއް އަދާކުރެ އެވެ.

ނަމަވެސް، 2025 ވަނަ އަހަރުގެ ލިސްޓުގައި ހިމެނުނު ޖޫހީ ޗާވްލާ އާއި ކަރަން ޖޯހަރުގެ ނަން މިއަހަރުގެ ލިސްޓަކުން ފެންނާކަށް ނެތެވެ.

މިލްކިއްޔާތަށް ބަދަލުތަކެއް އައި ނަމަވެސް ފިލްމީ ދާއިރާގައި ޝާހްރުކްގެ ކާމިޔާބީއަށް މަޑުޖެހުމެއް ނާދެ އެވެ. އޭނާގެ ކުރިއަށް ހުރި އެންމެ ބޮޑު އެއް ފިލްމަކީ ސިއްދާރުތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" އެވެ.

މި ފިލްމުގައި ޝާހްރުކްއާއެކު އޭނާގެ ދަރިފުޅު ސުހާނާ ޚާން، ދީޕިކާ ޕަދުކޯން، ރާނީ މުކަރްޖީ އަދި އަބީޝޭކް ބައްޗަން ފަދަ ތަރިން ފެނިގެންދާނެ އެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހު 24ގަ އެވެ.