ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ 10 އަހަރުގެ މުއްދަތުގެ ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު (169 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރިއަލް އެސްޓޭޓް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްގެން ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ދަށުން 500 ހެކްޓަރުގެ ސަރަހައްދެއްގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް 10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވި ގޮތުގައި 10 އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރާ 11 ބިލިއަން ޑޮލަރަކީ އަހަރަކު އެވްރެޖްކޮށް 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއީ ރާއްޖޭގެ 179 ރިސޯޓާއި 16 ހޮޓަލާއި 920 ގެސްޓްހައުސްގެ އިތުރުން 165 ސަފާރީ އުޅަނދުން ދައުލަތަށް މިހާރު ލިބޭ ޖުމްލަ އާމްދަނީއަށްވުރެ ވެސް އިތުރު އަދަދެކެވެ.
މި މަޝްރޫއުގެ ދަށުން ދިރިއުޅޭނެ ގެދޮރާއި ހޮޓާތަކާއި ރިސޯޓުތަކާއި މެރީނާގެ އިތުރުން ފިހާރަތަކާއި އޮފީސްތަކާއި ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ގާއިމުކުރުމަށް ވަނީ ޕްލޭންކޮށްފަ އެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ވަރުގަދަކޮށް، ރާއްޖޭގެ ދިގު ރާސްތާގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރަސްމާލެ އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ ރޭޓުތަކުން ލިބޭ ޓީޖީއެސްޓީގެ އިތުރުން، ތަންތަން ފުރަތަމަ ފަހަރަށް ވިއްކައިގެންނާއި ކުއްޔަށް ދީގެން ޑިވެލޮޕަރަށް ލިބޭ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ލިބޭނެ އެވެ. އަދި ފުރަތަމަ ފަހަރަށް ތަންތަން ގަންނަ ފަރާތްތަކުގެ އަތުން އެ ތަނެއްގެ އަގުގެ 4 އިންސައްތަ ދައުލަތަށް ދައްކަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން އެއްވެސް ކަހަލަ ޓެކްސް އިނާޔަތެއް ނުވަތަ ޑިއުޓީ މައާފުކޮށްދިނުމެއް ނުހިމެނޭނެ އެވެ. އެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު ކުރިއަށްގެންދިއުމަށް ދައުލަތުން އެއްވެސް ލޯނެއް ނުނަގާނެ ކަމަށާއި ސޮވެރިން ގެރެންޓީއެއްވެސް ނުދޭނެ ކަމަށެވެ.
އެއްބަސްވުމުގެ ދަށުން ތަންތަން ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ބަހައްޓަންޖެހޭނީ ރާއްޖޭގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓެއްގަ އެވެ. އަދި ހުރިހާ ފައިސާގެ މުއާމަލާތެއް ހިންގަންޖެހޭނީ ދިވެހި ބޭންކުތައް މެދުވެރިކޮށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވަނީ ދިވެހިންގެ އިތުބާރު އެ ކުންފުންޏަށް އޮތްކަން ފާހަގަކުރައްވައި، ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ހިތުގެ ސިއްހަތަށް ގެއްލުންދޭ ދިރިއުޅުމުގެ "ރަނގަޅު" އާދަތަކެއް!
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަނީ ގަރާރުތަކަށް ހުރަސްއެޅުމަށް
މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ހުދު އެލާޓް ނެރެފި
