ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރި މައްސަލާގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމާއި އަދި އެ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އަދި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ޝާހިދު ހައްޔަރުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.

އެ އަމުރު އިސްތިއުނާފްކުރަން ޝާހިދުގެ ފަރާތުން މިދިޔަ ބުދަ ދުވަހު ހައި ކޯޓަށް ހުށަހެޅި މައްސަލަ މިހާރު ވަނީ ބަލައިގަނެ, ރަޖިސްޓްރީކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގެ އަޑުއެހުންތައް އަދި ތާވަލެއް ނުކުރެ އެވެ.

އެ މައްސަލާގައި ހައްޔަރު ކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.