ރަސްމީ މަސައްކަތްތަކަށް ނުކުތުމުގެ ކުރިން، ހެނދުނު ހެނދުނާ މީހާ ނަފްސާނީ ގޮތުން ވަރުބަލިކޮށްލަނީ އާދައިގެ ކަންކަމުގެ ގޮތުގައި ފެންނަ ނުރަނގަޅު 8 އާދައެއްގެ ސަބަބުން ކަމަށް ސައިކޮލޮޖީގެ ދިރާސާތަކުން ހާމަވެއްޖެ އެވެ.

މި ދިރާސާތައް ބުނާގޮތުގައި، އިންސާނާގެ ސަމާލުކަމާއި ގޮތް ނިންމުމުގެ ގާބިލުކަމަކީ ކޮންމެ ދުވަހަކަށް ވަކި މިންވަރަކަށް ކަނޑައެޅިފައިވާ އެއްޗެކެވެ. ނަމަވެސް އެނދުން ތެދުވުމުގެ ކުރިންނާއި ހެނދުނުގެ ވަގުތުތަކުގައި ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން، ހެނދުނު 9:15 ވާއިރު ސިކުނޑި މުޅިން ވަރުބަލިވެ "ޑެސިޝަން ފަޓީގް" އާ ކުރިމަތިލާން ޖެހެ އެވެ.

ސިކުނޑި ވަރުބަލިކޮށްލާ މިފަދަ 8 އާދައަކީ:

  • ލޯ ހުޅުވާލުމުގެ ކުރިން ގަޑިން ހިސާބު ހެދުން: ތެދުވާނެ ވަގުތާއި ނުކުންނާނެ ވަގުތު ހިސާބުކޮށް، އެނދުގައި އޮވެ މުޅި ދުވަހުގެ ތާވަލު ސިކުނޑީގައި ރާވަން އުޅުމުން ސިކުނޑީގެ ތާޒާކަން ފުރަތަމަ ވަގުތުކޮޅު ގެއްލިގެންދެ އެވެ.
  • އެއް ނިންމުމެއް ތަކުރާރުކޮށް ނިންމުން: އެލާމްގެ "ސްނޫޒް" ބަޓަނަށް ފިއްތައި، ތެދުވާނީތޯ ނުވަތަ ނޫންތޯ ތަކުރާރުކޮށް ސިކުނޑިއާ ބަހުސްކުރުމަކީ ހަކަތަ ދަމައިގަންނަ ކަމެކެވެ.
  • އެހެން މީހުންގެ ކަންކަމަށް އިސްކަންދިނުން: ހޭލި ގޮތަށް ފޯނު ބަލައި، އެހެން މީހުންގެ މެސެޖުތަކަށް ޖަވާބުދޭން ފެށުމުން އަމިއްލަ ދުވަހުގެ ކޮންޓްރޯލް ގެއްލެ އެވެ.
  • ކަންކަމުގެ ލިސްޓު ސިކުނޑީގައި ބެހެއްޓުން: ކުރަންޖެހޭ ކަންކަން ކަރުދާހުގައި ނުލިޔެ، ސިކުނޑީގެ ހަނދާނުގައި ބަހައްޓަން އުޅުމަކީ ސިކުނޑިއަށް ލިބޭ ބޮޑު ބުރައެކެވެ.
  • ނިންމާފައިވާ ކަންކަމާ މެދު އަލުން ބަހުސްކުރުން: ނާސްތާއަށް ކާނެ އެއްޗަކާ މެދު ނުވަތަ ކަސްރަތަށް ދިއުމާ މެދު ކުރިން ނިންމާފައިވާ ކަންކަމާ މެދު ހެނދުނު އަލުން ދެގޮތްވުމަކީ ސިކުނޑި ބޭކާރު ގޮތުގައި ވަރުބަލިވާ ކަމެކެވެ.
  • ކުރިއަށް އޮތް ކަންކަމަށް މާބޮޑަށް "ރިހާސަލް" ކުރުން: ފެންވަރަން ހުންނައިރު އޮފީހުގެ ބައްދަލުވުންތަކުގައި ދައްކާނެ ވާހަކަތަކާމެދު މާބޮޑަށް ވިސްނުމަކީ ހަގީގީ ބައްދަލުވުމަށް ދާއިރު ނަފްސާނީ ގޮތުން މީހާ ބަލިކަށިކޮށްލާ ކަމެކެވެ.
  • ތައްޔާރުވާއިރު އަޑުގަދަ ކަންކަމަށް ސަމާލުކަން ދިނުން: ހެނދުނު ތައްޔާރުވާއިރު ހަބަރު ނުވަތަ އަޑުގަދަ ކަންކަން އަޑުއެހުމަކީ ނޭނގި ނަމަވެސް ސިކުނޑި ނުތަނަވަސްކުރުވާ ކަމެކެވެ.
  • ކަންކަން ފަށާފައި ފުރިހަމަ ނުކުރުން: އެކި މަސައްކަތްތައް ފަށާފައި މެދުކަނޑާލުމުން، އެ ނުނިމި ހުންނަ ކަންކަމުގެ ފިކުރު ސިކުނޑީގައި ދައުރުވެ މީހާގެ ހަކަތަ ހުސްކޮށްލަ އެވެ.

މާހިރުން ލަފާދެއްވަނީ މިފަދަ ކުދިކުދި ނޭދެވޭ އާދަތަކުން ދުރުހެލިވެ، ހެނދުނުގެ ވަގުތަކީ ހަމަހިމޭން އަދި އަމިއްލަ ނަފްސަށް އިސްކަންދޭ ވަގުތަކަށް ހެދުމަށެވެ. އޭރުން މުޅި ދުވަހުގެ އުފެއްދުންތެރިކަމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ އެވެ.