މިދިޔަ ހަފުތާއަކީ މުޅި ރާއްޖެއަށް ކަހަލަ ގޮތަށް އާދަޔާ ޚިލާފަށް ވިއްސާރަވެ، ބޯކޮށް ވާރޭ ވެހުނު ހަފުތާ އެކެވެ. ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވެ، ގޯތިގެ ދޮރަށް ގެއްލުންތަކެއް ލިބުނެވެ. ގިނައިން ވަރޭ ވެހުމުން އަބަދުވެސް ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ފުވައްމުލަކަށް މިފަހަރުގެ ފެންބޮޑުވުމުގެ ހާދިސާ ކުރިމަތިވީ އެހެން ހުރިހާ ފަހަރަކަށް ވުރެ ބޮޑަށެވެ.
ގޯތި ގެދޮރަށް ފެންވަދެ، ފެންގަނޑު ނުހިނދި ގިނަ ދުވަސްވީ ވަރަކަށް ރައްޔިތުންނަށް ލިބެމުން ދިޔަ ގެއްލުންވީ އިތުރެވެ. އެއާއެކު ފުނިޖެހެމުން ދިޔަ ޝަކުވާގެ އަޑުގެ ތެރެއިން އެންމެ ގަދަވެގެން ދިޔަ އަޑަކީ ފުވައްމުލަކުން ފެން ބޭރު ކުރުމަށްޓަކައި ރަށުގެ ރައްޔިތުން ޒަމާނުއްސުރެ ބޭނުން ކުރަމުން އައި އެހެންނަމަވެސް ފަހަކަށް އައިސް އަޅާ ނުލާ ދޫކޮށްލެވިފައިވާ ކާނު (އާރު)ތަކުގެ ވާހަކަ އެވެ.
ކާނުތަކުގެ ވާހަކަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ބަހުސް ކުރެވެމުން ދިޔައިރު އެ ކާނުތަކުގެ ތާރީޚު މުޅިން ވެސް ފެށިފައި ހުންނަނީ 1984 ވަނަ އަހަރާއި ހަމައިންނެވެ.
އެ އަހަރަކީ ފެން ހިންދަން ފުވައްމުލަކުގައި ޒަމާނުއްސުރެ ބޭނުން ކުރަމުން ދިޔަ ކާނުތައް ޒަމާނީ ފެންވަރަކަށް އަޕްގްރޭޑްކޮށް ދިވެހި ސަރުކާރުން އަލުން ހައްދަވައި ދެއްވި އަހަރެވެ. އެހެންކަމުން މިކަމާ ބެހޭ އިތުރު މައުލޫމާތެއް ލިބޭތޯ ފުވައްމުލަކުގެ ބޮޑު ކަތީބުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މުހައްމަދު ވަހީދު އަހުމަދާ ގުޅާލުމުން ވަހީދު ދެއްކެވީ 1967 ވަނަ އަހަރު އޭނާ ލިޔުއްވި ސިޓީއެއްގެ ވާހަކަ އެވެ. އެ ސިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކުގެ ކުރީގެ މެމްބަރު އަދި އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ ގ. ކޮއްކިރި އަބްދުﷲ ފާރޫގް ހަސަނަށް ވަހީދު ލިއުއްވި ސީޓީ އެކެވެ. ނަސީބު ދިމާކުރި ގޮތުން ވައިބާ ގްރޫޕެއްގައި ފާރޫގު އެ ދުވަހު އެސިޓީ ވަނީ ހިއްސާ ކުރައްވާފަ އެވެ.
ނޮވެމްބަރު 11، 1967ގައި ފާރޫގަށް ލިޔުއްވި ސިޓީ ވަހީދު ފައްޓަވާފައި ވަނީ އޭރު ރަށަށް ކުރަމުން ގެންދިޔަ ވިއްސާރައިގެ ވާހަކައިންނެވެ. ރަށުގައި ފެން ބޮޑުވެފައިވާ ވާހަކަ ވިދާޅުވުމަށް ފަހު ރަށުގެ ފެންބޮޑުވުމުގެ ތާރީޚަށް ސިޓީގައި އަލި އަޅުވާފައިވެ އެވެ.
"ވޭތުވެ ދިޔަ ސަތޭކަ ވަރަކަށް އަހަރުގެ ތެރޭގައި ވެސް މިރަށުގައި އެންމެ ބޮޑަށް ފެން ބޮޑުވީ 1377ހ. (1957) ވަނަ އަހަރު އެވެ. މިތާނގެ އަތޮޅުވެރިއަކަށް ފެންސުރުމާގެ އަހުމަދު ދީދީ ހުންނެވި ދުވަސްވަރު އެވެ." ވަހީދު ލިޔުއްވާފައިވެ އެވެ.
އެ ސިޓީގައި ވަހީދު އެ އިޝާރަތް ކުރެއްވި ފެން ބޮޑުވުމުގެ ހާދިސާއަކީ ކުރީގައި ރަށު ރައްޔިތުން މުހިންމު ތާރީޚެއްގެ ގޮތުގައި ފާހަކަ ކޮށް އުޅުނު ހާދިސާ އެކެވެ. އެކިއެކި ކަންކަމުގެ ތާރީޚު ބެލުމަށް "ބޮޑޮ ފެންގަނޑު ގަތް" އަހަރުން ފެށިގެން ތާރީޚު ކިޔައި އުޅުނެވެ. އެ ތާރީޚީ ފެން ބޮޑުވުމުގައި ރަށުގެ ބޮޑު ބައެއް ފެނުގެ އަޑިއަށް ދިޔަ އެވެ. ރަށުގެ ވަށައިގެން އޮންނަ އުސް ހިސާބުތަކަށް ބަދަލުވެގެން ފެންގަނޑު ހިނދެންދެން ދަތި ހާލުގައި އުޅެން ރައްޔިތުންނަށް މަޖުބޫރުވި އެވެ.
ފާރޫގަށް ވަހީދު ލިއުއްވި އެ ތާރީޚީ ސިޓީ ވަހީދު ލިއުއްވީ ފުވައްމުލަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ވެރިންނާއި ރައްޔިތުން ގުޅިގެން ރަށުގައި "އާރު" ތަކެއް ކޮނުމުގެ މަސައްކަތް ފެށި ދުވަހުގެ ފަހު ދުވަހު އެވެ. ވަހީދު ސިޓީގައި ފާހަކުރައްވާފައިވާ ގޮތުގައި އޭގެ ކުރީގައި ވެސް ރަށުގައި ފެން ހިންދުމަށް ދެ އާރެއް ހެދިފައި އޮތެވެ. އެ ދެ އާރު ނިސްބަތް ވަނީ ފޯކައިދޫ ކޮއިކިޔާ ބޭކަލަކަށާއި ފުވައްމުލަކު ފަމުދޭރި ކިލެގެފާނަށެވެ. އެ ދެ އާރުގެ ވާހަކަ ވަހީދުގެ ސިޓީގައި ގެންނަވައިފައި ވަނީ އެޒަމާނާ ބަލާއިރު ރަށުގެ އާނުގަނޑު ކަނޑައިގެން ކޮށްފައި އޮތް ބުރަ، ފުރިހަމަ މަސައްކަތަށް ތައުރީފު ކުރައްވަމުންނެވެ. ސިޓިގައި އެ އާރުތަކާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ނެތެވެ.
ވަހީދު ފާރޫގަށް ފޮނުއްވި ހަތް ސަފުހާގެ ދިގު ސިޓީގައި ފުވައްމުލަކުގެ ފެން ހިންދުމަށްޓަކައި 1967 ވަނަ އަހަރު ރަށުގެ 8 ހިސާބެއްގައި 8 ކާނު ކަނޑަން މެދުވެރިވި ސަބަބު ވެސް ވަރަށް ތަފުސީލުކޮށް ލިޔުއްވައިފައި އޮތެވެ. އެ ދުވަސްވަރު ރަށު ރައްޔިތުން ތިބީ ރަށުގައި ބޮޑުވާ ފެން ހިންދުމަށް ރަނގަޅު ފެންވަރުގެ ކާނުތަކެއް ހެދުމުގެ ޚިޔާލު ފާޅު ކޮށްކޮށެވެ. ވެރިޔަކަށް ހުންނެވީ މަރުހޫމް ކޭނހިގޭ އިބްރާހިމް ދީދީ (ބަހާރުގެ) އެވެ. ރައްޔިތުންގެ ޚިޔާލަށް އަމަލީ ސިފައެއް ނައިސް އުޅެނިކޮށް ސ. ހިތަދޫ އަލި ބެއްޔާގެ މޫސާ ދީދީ ފުވައްމުލަކު ރައްޔިތުންނަށް "ފެން އިންޖީނެއް" (ފެން ޕަމްޕެއް) ދެއްވަން ނިންމެވި އެވެ. ބަދަލުގައި މޫސާ ދީދީ އެދިވަޑައިގެންނެވީ ފުވައްމުލަކުގައި ހުރި އެޅަ ދީދީދީގެ އަލި ދީދީގެ ފުނަ ގަސްތަކުގެ ތެރެއިން 8 ފުނަގަސް ކަނޑައި އެއިން ފިލާ ކީހާ ދިނުމެވެ.
މި ހުށަހެޅުން ވީ ރައްޔިތުން މާ ރުހޭ ހުށަހެޅުމަކަށް ނޫނެވެ. ސަބަބަކީ ފެން އިންޖީނުގެ އަސްލު އަގަކީ 60 ޕައުންޑު ކަމަށްވެފައި ބޭނުން ކޮށްފައި ހުރުމުގެ ސަބަބުން އެއިގެ އަގު އެއަށްވުރެ ވެސް ދަށް ވާނެތީއާއި ރައްޔިތުން ބަދަލުގައި ކޮށްދޭން ޖެހޭ މަސައްކަތުގެ އަގު ބޮޑު ވުމެވެ. ހަމަ އެއާ އެކު ރައްޔިތުންގެ ހިތުގައި ފެން އިންޖީނަކުން ރަށުގައި ފެންގަނޑު ހިންދައި ނުލެވޭނެކަމުގެ ޔަގީންކަން އޮތުމެވެ. އެހެނަސް ވެރިންގެ ގަދައެޅުމާއެކު ރައްޔިތުން އެ މަސައްކަތް ކޮށް ރަށަށް ފެން އިންޖީނު ގެނެސް ފެން ހިއްކަން ފެށި އެވެ. ނަތީޖާއަކަށްވީ ރައްޔިތުން ކުރިން ވެސް އަންދާޒާކޮށް ބުނަމުން އައި ފަދައިންނެވެ. އިންޖީނުގެ މަސައްކަތާމެދު ވަހީދު ލިއުއްވި އެވެ.
"އިންޖީނު ހުރީ ގެނެވިފަ އެވެ. އޭތީގެ ވާޖިބު އޭތި އަދާ ކުރެ އެވެ. މިނެޓަކު 36 ގެލަން ފެން ބޭރު ކުރެ އެވެ. ތިން ގަޑީން އެއްގަޑީ ނިއްވާލާފާ ބަހައްޓަން ޖެހެ އެވެ. ކާބަފައިން ކަނޑާފައި އޮތް އާރު އޭނާގެ ވާޖިބު އަދާ ކުރުންމަތީ (އެންމެ މިނެޓަކުވެސް "ނިއްވާލަން" ނުޖައްސައި) ދެމި އޮތެވެ. ފެން ވަނީ ހައްތަހާ ބޮޑެވެ."
ވަހީދުގެ އެ އިބާރާތުން ސާބިތުވާ ގޮތުގައި ރައްޔިތުން ކުރިން ވެސް ބުނަމުން ދިޔަހެން ރަށުގައި ބޮޑުވާ ފެންގަނޑު ބޭރުކުރަން އެންމެ އެކަށޭނަ ނިޒާމަކީ ފެން ބޭރު ކުރާނެ ގިނަ ކާނުތަކެއް ހެދުން ކަމުގައި ވެރިންނަށް ވެސް ޔަގީންވި އެވެ. ނަތީޖާއެއްގެ ގޮތުން 10 ނޮވެމްބަރ 1967 ގައި ފުވައްމުލަކުގެ 8 ހިސާބެއްގައި 8 އާރު ކެނޑުމުގެ މަސައްކަތް ފެށި އެވެ. އެކި އަވަށުގެ މެދުގައި ބަހާލެވިގެން ފޯރިއާ އެކު ކޮށް ނިންމާލި ކާނު ފުވައްމުލަކުގެ ރައްޔިތުންނަށް ޚިދުމަތުގައި 1984 އާ ހަމަޔަށް އޮތެވެ. އެ އަހަރު ސަރުކާރުން ކާނުތައް ފެންވަރު ރަނގަޅުކޮށް ކޮންކްރީޓުން ހައްދަވައި ދެއްވި އެވެ. އެހެނަސް ކުރިން އޮތް 8 ކާނުގެ ބަދަލުގައި ހަތަރު ކާނަށް މަދުކޮށްފަ އެވެ.
މެދަށް އަޑިކޮށް އޮންނަ ފުވައްމުލަކުގެ ކާނުތައް މިއަދު ވަނީ އޭގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފޭ ފަދަ ދަރަޖަޔަކަށް ވީރާނާވެފަ އެވެ. ރަށުގައި ބޮޑުވާފެން ބޭރު ކުރުމަށް އާރުތަކުގެ ބަދަލުގައި ބޭނުން ކުރަނީ ޕަމްޕުތަކެވެ. އެހެންނަމަ ވެސް ޕަމްޕުތަކުން އެކަށީގެންވާ މިނަވަރަކަށް ފެން ބޭރު ކޮށް ނުދޭ ކަމަށާއި އާރުތައް އަލުން ބޭނުން ކުރެވޭނޭ ގޮތް ހަދަން ޖެހޭކަމުގެ އަޑު ރައްޔިތުންގެ މެދުގައި ވަނީ ގަދަ ވެފައެވެ. 1967 ގައި ވެސް ރައްޔިތުން ދެއްކި ވާހަކައަކީ އެއީ އެވެ.
އެހެންވެ މިފަހަރު ބޮޑު ފެންގަނޑު ހިންދަން ވެސް ހައެއްކަ ދުވަސް ނެގި އެވެ. އޭރު އޮތީ ރަށުގެ ގާތްގަނޑަކަށް 60 ޕަސެންޓް ގޭބިސީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ކުރިން އަޅާނުލައި ދޫކޮށްލި ކާނުތަކުގެ ބޭނުން މިހާރު އެ ރަށު މީހުންނަށް އިހުސާސްކުރެވެ އެވެ.
ކާނުތައް ގަވައިދުން ސާފުކޮށް ބެލެހެއްޓޭ ނަމަ ކަމެއްދަމެއް ދިމާވާ ދުވަހަކުން ފަސޭހަވީސްތާ އެވެ ވަކި ފުވައްމުލައް އެކަންޏެއް ނޫނެވެ މާލޭގައިވެސް ކާނުތައް ބެލެހެއްޓުމަށް ނަމުގަ ބަންގާޅުން ލާފައި ތިބެއެވެ އެމީހުން ކުރަނީ މޭޔަރު އަންގާކަންތަކެވެ ކާނުތައް ހުންނަނީ ފުރި ބާރުވެފަ އެވެ