އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. ގަމުގެ ކާފިއުގެ ވަގުތު މާލެއެކޭ އެއްގޮތަށް އިތުރުކޮށްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރެފައިވާ އެންގުމުގައި ވަނީ މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ އާއި ފުވައްމަލުކު ސިޓީ އަދި ލ. ގަމުގައި ހަވީރު ހަތަރަކުން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ.

މީގެއިތުރުން ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ އާއި ލ. ގަމުގައިވެސް އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށްވެސް ވަނީ އަންގާފަ އެވެ.

އަޅާފައިވާ އިތުރު ފިޔަވަޅުތައް

  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން
  • ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދިނުން

މީގެއިތުރުން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެހިދުމަތް ދިނުމާއި ފިރާތަކުން ހިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށްވެސް ވަނީ އަންގާފަ އެވެ.