ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފްއަށް އަމާޒުކޮށް މުމްބާއީގެ ޖުހޫ ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއް ދިން މައްސަލައިގައި، އޯލް އިންޑިއާ ސައިން ވާކާސް އެސޯސިއޭޝަންއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، މުމްބާއީގެ އަމަން އާމާންކަމާއި ގާނޫނީ ސިފަތަކާ މެދު ސުވާލު އުފައްދައިފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިލްމީ ދާއިރާގެ ތަރިންނާއި އެމީހުންގެ އާއިލާތަކަށް ރައްކާތެރިކަން ފޯރު ކޮށްދިނުމުގައި ސަރުކާރާއި ފުލުހުން ނުކުޅެދިފައިވާ ކަމަށެވެ.
އެއާއެކު ބޮލީވުޑްގެ އާންމު މަސައްކަތްތެރިންނާއި ތަރިން މިހާރު ދިރިއުޅެމުންދަނީ ނާމާންކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.
އޭއައިސީޑަބްލިއުއޭ އިން ވަނީ މިފަހުން ބޮލީވުޑްގެ އެހެން ފަރާތްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކުގެ ހަނދާން އާކޮށްފަ އެވެ. އޭގެ ތެރޭގައި ސަލްމާން ޚާންގެ ގޭގެ ބޭރަށް ބަޑިޖެހުމާއި، ސައިފް އަލީ ޚާންގެ ގޭގެ ކައިރީގައި ހިނގި ހާދިސާއާއި، ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ގޭގެ ބޭރަށް ބަޑި ޖެހުމުގެ އިތުރުން ކޮމެޑިއަން ކަޕިލް ޝަރުމާގެ ކެފޭއަށް ދިން ހަމަލާތައް ހިމެނެ އެވެ.
"އެކަކަށްފަހު އަނެކަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު، މިއީ ގޭންގުތަކުން ބޮލީވުޑްގެ ތަރިން ބިރުގަންނަވައިގެން ފައިސާ އަތުލުމަށް ރާވައިގެން ހިންގާ ކަންކަން. މިއަދު ޓައިގާ، ދެން ކާކު؟ މުމްބާއީގައި މަޝްހޫރު ތަރިންނަށް ރައްކާތެރިކަން ނެތިއްޔާ އާންމު ރައްޔިތަކަށް އޮންނާނީ ކޮން ރައްކާތެރިކަމެއް؟" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭއައިސީޑަބްލިއުއޭ އިން ސިފަކުރި ގޮތުގައި މުމްބާއީގެ މަގުތަކުގައި އަލުން ލޭ އޮހޮރުވުން އިތުރުވެ، މުޅި ސިޓީގެ ހާލަތު މިހާރު ބަދަލުވަމުންދަނީ 1990ގެ އަހަރުތަކުގައި މުމްބާއީގައި އޮތް އަންޑަވޯލްޑް ގޭންގުތަކުގެ ބިރުވެރި ދުވަސްވަރަށެވެ.
އެހެންކަމުން ހަމައެކަނި ބަޔާންތައް ނެރުމުގެ ބަދަލުގައި، އަމަލީ ގޮތުން ވަރުގަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެ ޖަމިއްޔާއިން ވަނީ މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދެވޭންދުރަ ފަޑްނާވިސްއަށް ގޮވާލާފަ އެވެ.
ޖުހޫގައި އާދީއްތަ ދުވަހުގެ ރޭގަނޑު 7:00 އެހާކަންހާއިރު ހިނގި މި ހާދިސާގައި ޓައިގާއަށް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ ޑްރައިވަރު ފިރްދައުސްގެ އަތަށް ވަޒަން އަރައި އަނިޔާވެފައިވާއިރު، އިތުރު އާންމު މީހަކަށްވެސް ވަނީ އަނިޔާވެފަ އެވެ.
މުމްބާއީ ފުލުހުންގެ ޑީސީޕީ މޯހިތު ގަރްގް ވިދާޅުވީ، ހަމަލާ ދިން މީހުން ހޯދުމަށާއި މައްސަލައިގެ ހަގީގަތް ހޯދުމަށް ފުލުހުންގެ ހާއްޞަ ޓީމުތަކަކުން ތަހުގީގު ކުރިއަށްދާ ކަމަށެވެ.
ކަންކަން ފަހުން ކުރަން ބެހެއްޓުން: ސައިކޮލޮޖީގެ ހަގީގަތަކީ ކޮބާ؟
ހިނގުމަކީ ރަނގަޅު ކަމެއް، އެކަމަކު މާ ގިނައިން ހިނގުން ވެސް ގޯސް!