ރާއްޖޭން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގަން ފެށި ނިންމުން ބަދަލުކޮށް، އެކަން ގާނޫނުން އުވާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށްޓަކައި ޖީއެސްޓީ ގާނޫނަށް ގެނެސްފައިވާ އެންމެހައި މާއްދާތައް އެއްކޮށް އުނިކުރުމެވެ.

ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރުމުގެ ނަމުގައި ބޭރުގެ އެޖެންޓުންނާއި އޮންލައިން ޕްލެޓްފޯމުތަކުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނަށް ގެނައި 8 ވަނަ އިސްލާހު، ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އެވެ. އަދި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ޓެކްސް ނަގަން ފެށީ ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ފަރާތްތަކެއްގެ ބޮޑެތި ކަންބޮޑުވުންތަކާ އެކުގަ އެވެ.

އެގޮތުން، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިޔާ އަދި އިންޑިއާ ފަދަ ގައުމުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ މިކަމާމެދު ނުތަނަވަސްކަން ފާޅުކޮށްފަ އެވެ. އަދި ޓެކްސް ނަގަން ފެށުމާ ގުޅިގެން ފްރާންސްގެ 'އީޑީވީ' އާއި 'ސެޓޯ' އަދި އިޓަލީގެ 'އެސްޓޯއީ ކޮންފިންޑޫސްޓްރިއާ ވިއާގީ' ހިމެނޭހެން ޔޫރަޕްގެ ނުފޫޒުގަދަ ޓޫރިޒަމް ޖަމިއްޔާތަކުން ވަނީ، މި ނިންމުމުގެ ސަބަބުން ކުރިމަތިވާނެ މާލީ އަދި އިދާރީ ގޮންޖެހުންތައް ބަޔާންކޮށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ސިޓީއެއް ފޮނުވާފަ އެވެ.