ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ދިފާއުގައި މިސްރުގެ ސިފައިން ހަރަކާތްތެރިވުމަށް ހުއްދަ ދިނުމަށް މިސްރުގެ ގާނޫނު ހަދާ މަޖިލީހުން ނަގަން އޮތް ވޯޓު ފަސްކޮށްފި އެވެ.

މިސްރުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، މި ވޯޓު ނެގުން މިހާރު ވަނީ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހަށް ތާވަލުކޮށްފަ އެވެ. މި ނިންމުމާއެކު، ޔަމަނުގެ ހަނގުރާމައިގައި މިސްރުން އަދާކުރާނެ ދައުރާ މެދު ކުރެވޭ ބަހުސްތައް ވަނީ އިތުރަށް ދިގުލައިގެން ގޮސްފަ އެވެ. އިދިކޮޅު އިޖުތިމާއީ ޑިމޮކްރެޓިކް ޕާޓީން ބުނެފައިވަނީ އެ ޕާޓީގެ މެންބަރުން މި ވޯޓުގައި ބައިވެރިނުވުމަށް އަންގާފައިވާ ކަމަށެވެ.

އެ ޕާޓީން ފާހަގަކުރި ގޮތުގައި، މި މިޝަނުގެ މަގްސަދާއި، މުއްދަތާއި، ހިނގާނެ ހަރަދުގެ އިތުރުން މިސްރުގެ ސިފައިންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ އެކަށީގެންވާ މައުލޫމާތު މަޖިލީހާ ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް، އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން މަޖިލީހުގެ ދެ މެންބަރަކު ވިދާޅުވި ގޮތުގައި، އެ ޕާޓީގެ ގިނަ މެންބަރުން މި ނިންމުމަށް ތާއީދު ކުރެ އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީއަށް، ސައުދީ އަރަބިއްޔާއިން އެދޭ ދިފާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބާރު ދިނުމަށް މަޖިލީހަށް ވަނީ ހުށަހެޅިފަ އެވެ. މިއީ ހޫތީން ރިޔާޒުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށާއި ސައުދީ އަރަމްކޯ ކުންފުންޏަށް ދިން ހަމަލާތަކާ ގުޅިގެން ނިންމި ނިންމުމެކެވެ. އޮކްޓޫބަރު 10 ވަނަ ދުވަހު ވައިގެ ބަނދަރަށް ދިން ހަމަލާގައި 13 މީހުން މަރުވެފައިވާ ކަމަށް ސައުދީ އޮފިޝަލުން ބުނެ އެވެ.

ރައީސް ސީސީ ހޮނިހިރު ދުވަހު ވިދާޅުވީ، ޚަލީޖުގެ އެކުވެރި ގައުމުތަކުގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މިސްރުން އަޅާނެ ކަމަށެވެ. "އަޅުގަނޑު މި ދައްކަނީ އެއްވެސް ބަޔަކާ ކުރިމަތިލާން ނުވަތަ ހަމަލާދޭ ވާހަކައެއް ނޫން. އަޅުގަނޑުމެން މި ދައްކަނީ ހަމައެކަނި ދިފާއީ ކަންކަމުގެ ވާހަކަ،" ސީސީ ވިދާޅުވި އެވެ. މިސްރުގެ ގާނޫނު އަސާސީ ބުނާގޮތުން، ގައުމުން ބޭރަށް ހަނގުރާމަވެރި މިޝަނަކަށް ސިފައިން ފޮނުވޭނީ ގައުމީ ދިފާއީ މަޖިލީހުގެ ލަފާގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ލިބިގެންނެވެ. ދިފާއީ މަޖިލީހުން މިކަމަށް މިދިޔަ އާދީއްތަ ދުވަހު ވަނީ ހުއްދަ ދީފަ އެވެ.

މިސްރުގެ އިގްތިސާދީ ހާލަތުއަލް-އަޒްހަރުގެ އިމާމް ވަނީ އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގޮވާލައްވައި، މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކޮށް އިތުރު ލޭއޮހޮރުވުންތަކެއް ހުއްޓުވުމަށް ބާރުއަޅުއްވާފަ އެވެ. މިސްރުގެ ނާޒުކު އިގްތިސާދު ކޮޅަށް ޖެހުމުގައި ސައުދީ އަރަބިއްޔާއަކީ މުހިންމު ބައިވެރިއެކެވެ. މި މަހުގެ ތެރޭގައި ސައުދީން މިސްރުގެ މަރުކަޒީ ބޭންކަށް 5.3 ބިލިއަން ޑޮލަރު ޖަމާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިސްރުގެ އަސްކަރިއްޔާ ހަނގުރާމައިގެ ތެރެއަށް ވަދެދާނެ ކަމުގެ ބިރު އޮތުމުން، ހޯމަ ދުވަހުގެ ހެނދުނު މިސްރުގެ ހިއްސާގެ ބާޒާރު ދަށަށް ދިޔަ ނަމަވެސް، ދުވަސް ނިމުނުއިރު 0.4 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި މާކެޓަށް މި އަންނަ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ ސަރަހައްދީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކެވެ.

ސުއޭޒް ކެނަލަށް އޮތް ނުރައްކާ

ސިޔާސީ މުހައްލިލު ތޯމަސް ބޮނީ ޖޭމްސް ފާހަގަކުރެއްވި ގޮތުގައި، ހޫތީންގެ ފަރާތުން ސައުދީއަށް އޮތް ނުރައްކަލަކީ ސުއޭޒް ކެނަލަށް ވެސް އޮތް ނުރައްކަލެކެވެ. ބާބުލް މަންދަބު ސަރަހައްދުގައި ހޫތީން ދެމުންދާ ހަމަލާތަކުގެ ސަބަބުން ސުއޭޒް ކެނަލަށް ލިބޭ އާމްދަނީން 11 ބިލިއަން ޑޮލަރު މަދުވެފައިވާ ކަމަށް މިސްރުގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން، ސަރަހައްދީ އެކުވެރިން ސައުދީގެ ދިފާއުގައި ތިއްބައި، މިސްރު އެކަނި އެއްފަރާތްވެފައި އޮންނަ މަންޒަރު ފެންނަން އެ ގައުމުން ބޭނުންނުވާ ކަމަށް ވެސް ޖޭމްސް ވިދާޅުވި އެވެ. ތުރުކީއާއި ޕާކިސްތާނުން ވެސް ވަނީ ސައުދީއާއެކު ވެފައިވާ ދިފާއީ އެއްބަސްވުންތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފަ އެވެ.