ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާ އުފުލައި، އޭނާގެ އަބުރު ކަތިލަން ކިތަންމެ މަސައްކަތްޕުޅެއް ކުރެއްވިޔަސް، އެކަން ކާމިޔާބު ނުވާނެ ކަމަށް ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމުގައި ނާޖާއިޒު ފައިދާއެއް ހޯދައިދީފައި ވާތީ ޒިޔާދުގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ މިނިސްޓަރު ޒިޔާދުގެ އަބުރުފުޅު ކަތިލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިއަސް، އެކަމެއް ނުވާނެ ކަމަށެވެ.
ޒިޔާދަކީ ގައުމަށް އިހްލާސްތެރި އަދި ދީނަށް ލޯބި ކުރައްވާ ނަޒާހަތްތެރި ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ޒިޔާދުގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. މި ކުށުގެ އެންމެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.
ޕީޖީ އޮފީހުން ބުނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް، ވެސް ހަމަ އެ ދައުވާ އުފުލާފައިވެ އެވެ.
މިނިސްޓަރު ކަމުގައި ޒިޔާދު ހުންނެވިއިރު "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ، 2018 ވަނަ އަހަރުއެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާއެވެ. ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ.
އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުގައި އޮތީ ބާތިލްކޮށްފަ އެވެ.