ބަރުދަން ލުއިކުރުމުގެ ދަތުރުގައި، ކެއުމުގެ އާދަތަކާއި ކަސްރަތަކީ އެކަތި އަނެކައްޗާ ގުޅުމެއް ނެތް ދެ ކަމެއްގެ ގޮތުގައި އިހުސާސް ކުރެވޭ ހެއްޔެވެ؟ ގިނަ ފަހަރަށް އެއް ކަމަކަށް ސަމާލުކަން ދެވޭއިރު، އަނެއް ކަންތައް އޮންނަނީ ދޫކޮށްލެވިފަ އެވެ.

ގަވާއިދުން ކަސްރަތު ކުރި ނަމަވެސް، ޖިމުން އެނބުރި އައުމަށްފަހު ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް އުނދަގޫވެ، ބޭރުން ކާނާއަށް އޯޑަރު ކުރެވިދާނެ އެވެ. ހަމައެފަދައިން، ކެއުން ބަލައިގެން ތައްޔާރުކުރި ނަމަވެސް، ކަސްރަތު ކުރާ މިންވަރު އެކަށީގެންވާ ވަރަށް ވުރެ މަދުވެދާނެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ބެލެވިފައި އޮތީ މިއީ ދެ ގޮތުން ކުރެ އެއް ގޮތް އިހްތިޔާރު ކުރަންޖެހޭ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް، މި ދެ ކަންތަކުގެ މެދުގައި ހަމަހަމަކަމެއް ގާއިމުކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ދުޅަހެޔޮކަމުގެ މި ދެ ތަނބުގެ މެދުގައި ހަމަހަމަކަން ގާއިމުކުރާނީ ކިހިނެއް ހެއްޔެވެ؟

ބޭރިއަޓްރިކް ސާޖަން އަދި ބަރުދަން ލުއިކުރުމުގެ މާހިރު، ޑރ. ނޭހާ ޝާހް ވަނީ ބަރުދަން ލުއިނުވެ ހުއްޓޭ ހާލަތުން އަރައިގަނެ، ކެއުމާއި ކަސްރަތުގެ މެދުގައި ހަމަހަމަކަން ހޯދޭނެ ގޮތްތައް ހިއްސާކުރައްވާފަ އެވެ.

ކެއުމާއި ކަސްރަތު އެކުއެކީގައި ކުރިއަށް ގެންދަންޖެހެނީ ކީއްވެ؟

ކެއުމުގެ އާދަތަކާއި ކަސްރަތު، މި ދެ ކަމަށްވެސް އެއްވަރަކަށް ސަމާލުކަން ދޭންޖެހެ އެވެ. ކެއުމުގެ އާދަތަކަށް ބަދަލެއް ނުގެނެސް ހަމައެކަނި ކަސްރަތަކުން ނަތީޖާއެއް ނުނެރެވޭނެ އެވެ. ހަމައެފަދައިން، ސްޓްރެންތު ޓްރޭނިންގް ކަސްރަތު ނުކޮށް ހަމައެކަނި ކެލޮރީ މަދުކުރުމަކީވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޑރ. ޝާހް ގަބޫލުކުރައްވާ ގޮތުގައި އެއް ފަރާތަކަށް އެކަނި ބުރަވެ ހުންނަ އުސޫލުތަކުގެ ސަބަބުން ލިބޭ ކުރިއެރުން ހަނިވެގެންދެ އެވެ.

"ދިގު މުއްދަތަކަށް ބަރުދަން އެއްވަރެއްގައި ހިފަހައްޓާ މީހުންނަކީ ގާތްގަނޑަކަށް އަބަދުވެސް މި ދެ ކަންތައް އެކީގައި ކުރާ މީހުން. އެއީ ހަފުތާއަކު ދެތިން ފަހަރު މަސްތައް ވަރުގަދަކުރާ ކަސްރަތުތައް ކުރާ މީހުން." އޭނާ ވިދާޅުވި އެވެ.

ހަމައެކަނި ކަސްރަތަށް ސަމާލުކަން ދިނުމުން ވާނީ ކިހިނެއް؟

ގަވާއިދުން ކަސްރަތު ކުރުމަކީ ބަރުދަން ބެލެހެއްޓުމުގެ ބައެއް ނަމަވެސް، ކެއުމުގެ އާދަތަކަށްވެސް ފާރަވެރިވާންޖެހެ އެވެ. ކާ މިންވަރަށް ނުބަލައި ހަމައެކަނި ކަސްރަތަށް އިސްކަންދޭނަމަ، ބަރުދަން ލުއިވުމުގެ ދުވެލި މަޑުވާނެ އެވެ.

ޑރ. ޝާހް ސިފަކުރެއްވި ގޮތުގައި، ކަސްރަތުކޮށްގެން ހުރިހާ ކެލޮރީއެއް އަންދާލެވޭނެ ކަމަށް ބަލައިގެން ތިބުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. "އެއް ހެދިކާގައި ގާތްގަނޑަކަށް 250 ކެލޮރީ ހުރޭ. އެ އަންދާލުމަށްޓަކައި ގާތްގަނޑަކަށް 30 މިނެޓު ބާރަށް ހިނގަންޖެހޭ. ދެން އާދައިގެ ރޭގަނޑުގެ ކެއުމަކަށް ވިސްނާލާ. ބަތާއި، މުގުރިހަޔާއި، ތަރުކާރީގެ އިތުރުން ފޮނި އެއްޗެއް ހިމެނޭ ކެއުމެއްގައި މަދުވެގެން 800 ކެލޮރީ ހުންނާނެ. ހަމައެކަނި ކަސްރަތުން މިއީ އަންދާލެވޭނެ މިންވަރެއް ނޫން." އޭނާ ކިޔާދެއްވި އެވެ.

ކަސްރަތު ކުރުމަކީ ހިތުގެ ސިއްހަތަށާއި، އިންސިއުލިން މަސައްކަތްކުރާ މިންވަރަށާއި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެއް ނަމަވެސް، ބަރުދަން ލުއިކުރުމުގެ ހަމައެކަނި އުސޫލެއްގެ ގޮތުގައި ކަސްރަތު ބޭނުންކުރުމަކީ ނަތީޖާ ނެރުމުގައި ފައިދާހުރި ގޮތެއް ނޫނެވެ.

ހަމައެކަނި ކެއުމަށް ސަމާލުކަން ދިނުމުން ވާނީ ކިހިނެއް؟

ބައެއް މީހުން ކެއުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިން ނަމަވެސް، ބަރު އުފުލުމާއި މަސްތައް ވަރުގަދަކުރާ ކަސްރަތުތައް ދޫކޮށްލަ އެވެ. މީގެ ސަބަބުން ބަރުދަން ދެއްކި ނަމަވެސް، ހަށިގަނޑުން އުނިވަނީ ސަރުބީގެ ބަދަލުގައި މަސްތަކެވެ. މަސްތައް މަދުވުމަކީ މެޓަބޮލިޒަމް ނުވަތަ ހަށިގަނޑުން ހަކަތަ އަންދާ މިންވަރު ދަށްކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އިތުރަށް އުނދަގޫވެ އެވެ.

ޑރ. ޝާހް އިތުރަށް އިންޒާރު ދެއްވި ގޮތުގައި، ބަރުދަން ލުއިކުރާ ބޭސްތައް ބޭނުންކުރާއިރު ކަސްރަތު ނުކުރާނަމަ، މަސްތައް އުނިވުމުގެ ފުރުސަތު ބޮޑުވެ އެވެ. އެހެންކަމުން، ކަސްރަތަކީ ބަރުދަން ލުއިކުރުމުގެ ޕްލޭން ފަށާއިރުންސުރެ ހިމަނަންޖެހޭ ކަމެކެވެ.

ކެއުމާއި ކަސްރަތު ހަމަހަމަވުމުން ލިބޭ ނަތީޖާ

ޑރ. ޝާހް ލަފާދެއްވަނީ ހަފުތާއަކު ދެތިން ފަހަރު މަސްތައް ވަރުގަދަކުރާ ކަސްރަތުތައް ކުރުމަށާއި، އެކަށީގެންވާ ވަރަށް ޕްރޮޓީން ހިމެނޭ ކާނާ ކެއުމަށެވެ. މީގެ އިތުރުން، ނިދުމާއި، ނަފްސާނީ ދިރިއުޅުމާއި، ބަނޑުގެ ސިއްހަތަކީވެސް ބަރުދަން ލުއިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންތައްތަކެވެ.

ނިދި މަދުވުމަކީ ބަނޑުހައިކަން އިހުސާސްކޮށްދޭ ހޯމޯންތަކަށް ބަދަލު އަންނަ ކަމެކެވެ. އަދި ދިގު މުއްދަތަކަށް ފިކުރުބޮޑުވުމަކީ ބަނޑުގައި ސަރުބީ ޖެހުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން، ބަރުދަން ލުއިކުރުމަކީ ހަމައެކަނި މަދުން ކެއުން ނުވަތަ ގިނައިން ކަސްރަތު ކުރުމަށްވުރެ ފުޅާ ދާއިރާއެއްގައި ކުރަންޖެހޭ ކަމެކެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ބަރުދަން ލުއިކުރުމަށް ބޭނުންވަނީ ސިއްހަތަށް ފައިދާހުރި ކެއުމާއި ގަވާއިދުން ކުރާ ކަސްރަތެވެ. ހަމައެކަނި ކަސްރަތުން ކެއުމުގެ މައްސަލަތައް ހައްލެއް ނުކުރެވޭނެ އެވެ. އަދި ކަސްރަތާ ނުލައި ކުރާ ޑައިޓަކުން ހަށިގަނޑުގެ މަސްތައް ގެއްލިގެންދާނެ އެވެ.

ކިޔުންތެރިންގެ ސަމާލުކަމަށް: މިއީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމަށް ލިޔެފައިވާ ލިޔުމެކެވެ. ސިއްހީ ހުރިހާ ކަމެއްގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.