"ސްކިޕް" ކޮށްލެވޭ ހެނދުނުގެ ނާސްތާގެ ސަބަބުން ހަށިގަނޑަށް ބޮޑު ގެއްލުމެއް ވޭ. ނާސްތާގައި ފައިދާ ހުރި ކެއުން ހިމެނުން ވަަރަށް މުހިންމު. ޕީނަޓް ބަޓާ ސޭންޑްވިޗްއަކީ ހެދުނުގެ ސައިގައި ހިމަނަން ވަރަށް ފައިދާ ހުރި ކެއުމެއް. އޭގެ ސަބަބުން ހަކުރު ކޮންޓްރޯލް ކޮށްދިނުމާއި ބަނޑު ފުރިފައިވި ކަމުގެ އިހްސާސް ކޮށްދޭ. އަދި ލުއިކާނާ ކެއުމަށް ހިތް އެދުން ހުއްޓުވާ. ޕީނަޓް ބަޓާއަކީ ހިތުގެ ސިއްހަތަށް މުހިންމު މާއްދާތަކެއް ވެސް ހިމެނޭ ކެއުމެއް.

އެންމެ ފަސޭހައިން "ސްކިޕް" ނުވަތަ ނުނަގާ ދޫކޮށްލެވޭ ދުވާލުގެ ކެއުމަކީ ހެނދުނުގެ ނާސްތާއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ހާއްސަކޮށް ފަތިހު ނިދާލަން އޮށޯވެލާފައި ލަހުން ހޭލެވިއްޖެ ނަމަ، ނާސްތާ ނުނަގައި "ބްރަންޗް" ނުވަތަ ނާސްތާއާއެކު މެންދުރު ކެއުން އެއްކޮށްލުމަކީ ބައެއް މީހުންގެ އާދައެކެވެ.

ހޯދުންތަކުން ދައްކާގޮތުގައި ދުވާލުގެ ފުރަތަމަ ކެއުން ދޫކޮށްލުމަކީ ފަހުން ހަކުރު މައްޗަށް ދިއުމަށް މެދުވެރިވާނެ ސަބަބެކެވެ. ވީމާ ނާސްތާ ދޫކޮށް ނުލައި، ފައިދާހުރި ކާނާ ހިމަނައިގެން ނާސްތާ ނެގުން މުހިންމެވެ.

ނާސްތާއަށް އާންމުކޮށް ދިވެހިން ބޭނުންކޮށް އުޅެނީ ރޮއްޓާ ރިހަ، ޑިސްކު މަސްހުރި ނުވަތަ ޕާނާ ބިހާ ދޮންކޭލެވެ. ޕާނާ އެކު ޖޭމު، ބަޓާ، ނަޓެއްލާ އަދި ޕީނަޓް ބަޓާ ވެސް ބޭނުން ކުރެ އެވެ. މިހާރަކަށް އައިސް ހެނދުނުގެ ނާސްތާއަށް ޕާނާއެކު ޕީނަޓް ބަޓާ ބޭނުން ކުރުން ވަރަށް އާންމެވެ. ފަހަރުގައި ޕީނަޓް ބަޓާގެ ފައިދާ ލިބިގަތުމަށް ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.

ޕީނަޓް ބަޓާއިން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރޭތަ؟

ދެ މޭޒުމަތީ ސަމްސާ ޕީނަޓް ބަޓާގައި ވަނީ 7 ގުރާމް ޕްރޮޓީން އާއި، 1.6 ގްރާމް ފައިބާ އާއި، 16 ގްރާމް ފެޓް އެވެ. ހޯލް ވީޓް ޕާން ބޭނުން ކުރާނަމަ، އެއަށް އިތުރު 4 ގްރާމް ޕްރޮޓީންސް އަދި 1.9 ގްރާމް ފައިބާ އެއް ކުރެވުނީ އެވެ. ހޯލް ވީޓް ޕާނާއެކު ޕީނަޓް ބަޓާ ކެއުމަށް ބޭނުން ކުރުމުން ލޭގައި ހަކުރު ހިމެނޭ މިންވަރު ވަކި ހަމައެއްގައި ހިފެހެއްޓިގެންދެ އެވެ.

ރަނގަޅު ފެޓް ހިމެނޭ ކާނާއެއް ނާސްތާގައި ބޭނުން ކުރުމަށް ވިސްނާނަމަ، ޕީނަޓް ބަޓާ ސޭންޑްވިޗްއަކީ ވަރަށް ރަނގަޅު ޗޮއިސްއެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. ހަކުރު ކޮންޓްރޯލް ކުރުމަށް ވިސްނާނަމަ، ހޯލްވީޓް ޓޯސްއެއްގައި ޕީނަޓް ބަޓާ ހާކާލުމަށްފަހު، ބޭނުން ކުރުމަކީ ޕްރޮޓީންސް އަދި ފައިބާ ލިބިގެންދާނެ ކަމެކެވެ. އާންމުކޮށް ބޭނުންކުރާ ބްރައުން ބްރެޑްއަކީ ހޯލްވީޓް ބްރެޑް ނޫންކަން މިތާނގައި ފާހަގަ ކޮށްލަމެވެ.

ޕީންޓް ބަޓާ ސޭންޑްވިޗްގެ ސަބަބުން ލިބޭ އަނެއް ފައިދާއަކީ ބަނޑު ފުލްވެފައިވާ ކަމުގެ އިހްސާސްއެއް ކުރެވުމެވެ. އޭގެ ސަބަބުން ހެނދުނުގެ ނާސްތާއަށް ފަހު އިތުރު ލުއިކެއުމެއް ކާން ބޭނުން ނުވެ ހުރެވެ އެވެ.

ފައިބާ، ފެޓްސް އަދި ޕްރޮޓީސްންގެ ސަބަބުން ހަޖަމްކުރުން ލަސްކޮށްދެ އެވެ. އަދި ހަށިގަނޑުން ހަކަތަ އިތުރުކޮށްދޭ ކާނާ ނުވަތަ ކާބޮހައިޑްރޭޓްސް ހަޖަމްކޮށްދޭ އިރު، ހަށިގަނޑަށް ގުލްކޯޒް ނުވަތަ ހަކުރު ދޫކުރެވޭނީ ވަރަށް ލަސްލަހުންނެވެ. މީގެ އިތުރުން ޕީނަޓް ބަޓާގައި ހުންނަ ހަށިގަނޑަށް ފައިދާ ހުރި ފެޓްސްގެ ސަބަބުން އިންސިއުލިން ގެ މަސައްކަތް ރަނގަޅުކޮށްދެ އެވެ. އިންސިއުލިންއަކީ ލޭގައި ވަކި ވަރަކަށް ހަކުރު ކޮންޓްރޯލްކޮށް ބެހެއްޓުމަށް އެހީވެދޭ ހޯމޯން އެކެވެ.

ހިތުގެ ބަލިތަކަށް ވެސް ޕީނަޓް ބަޓާ ސޭންޑްވިޗް ބޭނުންކުރުމުން ފައިދާ ލިބެ އެވެ. އެއީ ޕީނަޓް ބަޓާގައި ފައިދާހުރި ފެޓްގެ ބާވަތް ހިމެނޭތީ އެވެ.

ޕީނަޓް ބަޓާ ސޭންޑްވިޗް މިވަނީ ގިނަ ފައިދާ އެކުލެވޭ، ނާސްތާގައި ބޭނުން ކޮށްލަން ވަރަށް ރަނގަޅު ކެއުމަކަށެވެ. އެއީ ހަކުރު ކޮންޓްރޯލް ކޮށްދޭތީ އާއި އަވަސް އަވަހަށް ބަނޑުހައިވުން ހުއްޓުވައިދޭތީ އެވެ.