ވަޒީފާގެ ކުރިއެރުން ދިނުން ނުވަތަ ޓެކްނިކަލްް ކޯ އެލަވަންސް ހަމަޖެއްސުން ލަސްވުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ސައީދު ޕާމަނަންޓް ސެކްރެޓަރީންނަށާއި ޒިންމާދާރުވެރިންނަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ އެގޮތަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

އެ ސިޓީގައި ވަނީ ވަޒީފާގެ ކުރިއެރުން ދިނުން ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެއްސުންފަދަ މުވައްޒަފުންނަށް ވަޒީފާއާ ގުޅިގެން ދެވޭ އިނާޔަތެއް ކޮމިޝަނުން ނިންމާ ތާރީޚަކުން ފެށިގެން ދިނުމަށް އުސޫލު އެކުލަވާލެވިފައިވާ ޕްރޮސެސްތަކުގައި، މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާގެ ނުވަތަ ސިވިލް ސާވިސް ކޮމިޝަނުގެ ނުވަތަ އިދާރީ ޕްރޮސެސްގެ ތެރެއިން ލަސްވެގެން ވަޒީފާގެ ކުރިއެރުން ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެއްސުން ލަސްވާ ހާލަތްތައް މެދުވެރިވަމުން ދާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން މުވައްޒަފުގެ އިހުމާލެއް ނެތި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މުވައްޒަފު ކަމާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް އިދާރާއަށް ހުށަހެޅި ތާރީޚުން ފެށިގެން ވަޒީފާގެ ކުރިއެރުން ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެއްސުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

"ހަމައެއާއެކު ވަޒީފާގެ ކުރިއެރުން ދިނުން ނުވަތަ ޓެކްނިކަލްް ކޯ އެލަވަންސް ހަމަޖެއްސުން ލަސްވުމުގައި އިދާރާ އިން އިހުމާލުވި މުވައްޒަފުންނާ މެދު ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގެ ތެރެއިން އަމަލުކުރައްވަމުން ގެންދެވުމަށް ސަމާލުކަން ދެއްވުން އެދި ދެންނެވީމެވެ" އެ ސިޓީގައިވެ އެވެ.